ސަރުކާރުން ވައިކަރަދޫގެ ތަރައްޤީއަށް 16 ވަރަކަށް މަޝްރޫޢު މިހާރު ވެސް ކުރިޔަށްގެންގޮސްދެއްވާތީ ކައުންސިލުގެ ފަރާތުން އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައިފި އެވެ.
މިކަންކަން ފާހަގަކޮށް ޝުކުރު އަދާކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވައިކަރަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
މިއަދު މެންދުރުފަހު ވައިކަރަދޫ ސްކޫލުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް މުހިންމުކަންކަމާއި ކައުންސިލާއި ރައްޔިތުން އެންމެބޮޑަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފަ އެވެ.
އެގޮތުން އެ ރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި އިންޖީނުގޭގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިޔަށް ގެންދަން ބޭނުންވާކަމާއި ރަށުގެ ރައްޔިތުންނަށް މޫދަށް އެރިއުޅޭ ސަރަޙައްދެއް ހެދުމާއި ރަށުން ގޯތިދޫކުރުމަށް މިހާރުހުރި ގޮންޖެހުންތަކާއި ސްކޫލްގެ 12 ކްލާސްރޫމްގެ މަސައްކަތް އަވަހަށް ނިންމައި ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަކަށް ބަދަލުކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ވެސް ސްކޫލްކުދިންނަށް ކުޅިވަރުކުޅެހެދުމަށް މަލްޓިޕަރޕަސް ހޯލެއްގެ މުހިންމުކަން ސްކޫލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ވައިކަރަދޫ ޞިއްޙީ މަރުކަޒުގެ ފަރާތުން ވަނީ އެތަނަށް އިތުރަށް އިންސާނީ ވަޞީލަތްތައް ބޭނުންވާކަމާއި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއްގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން އެންމެ މުހިންމުކަން ދޭ އެއްކަމަކީ ތަޢުލީމީ ނިޒާމު ހަރުދަނާކުރުން ކަމަށާއި އެގޮތުން ކޮންމެ ކުއްޖަކީ ވެސް މުޖްތަމަޢަށް ރަނގަޅު ބޭނުންހިފޭ ކުއްޖަކަށް ހެދުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުން ރައްޔިތުންގެ ލާބައާ މަންފާއަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރިޔަށްގެންދަވާކަން ފާހަގަކުރައްވައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ޓަރޝަރީ ފެންވަރަށް ބަދަލުވުމުން މި ސަރަޙައްދުގެ ރައްޔިތުންނަށް މާލެ ދާންނުޖެހި ޓަރޝަރީ ފެންވަރުގެ ޚިދުމަތްތައް ލިބުމަށް މަގުފަހިވެގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވައިކަރަދޫ އައުޓްޑޯ ޖިމް ހުޅުވައިދެއްވާ، ވައިކަރަދޫ ސްކޫލުގައި އިމާރާތްކުރަމުންދާ 12 ކްލާސްރޫމްގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފަ އެވެ. އަދި ވައިކަރަދޫ ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވާ، ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްކުރިޔަށްދާގޮތް ވެސް ބައްލަވާލެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް