ނޭޕާލްގެ ގައުމީ ފުޓުބޯޅަ ޓީމުގެ ގޯލް ކީޕަރު ކިރަން ކުމާރު ލިންބޫ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ގުޅިއްޖެއެވެ.
ނޭޕާލް ގައުމީ ޓީމުގެ ކެޕަޓަން ކަން ވެސް ކުރަމުން އަންނަ އުމުރުން 31 އަހަރުގެ ތަޖުރިބާކާރު ގޯލް ކީޕަރު ކިރަން މާޒިޔާއާއި ގުޅުނުއިރު، އޭނާ އަކީ މީގެ ކުރިން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބަށްވެސް ކުޅެ ކާމިޔާބީތަކެއް އެ ކުަލަބާއި އެކު ހޯދާފައިވާ ކުޅުންތެރިއެކެވެ.
އެގޮތުން ކިރަން އެންމެ ފުރަތަމަ ޓީސީއާ ގުޅުނީ 2017 ވަނަ އަހަރެވެ. އެ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕް ކާމިޔާބުކުރިއިރު، ޓީސީގެ ގޯލް ބަލަހައްޓައި ދީފައިވަނީ ކިރަންއެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ ކިރަން އަލުން ޓީސީއާ ގުޅުނުއިރު، އޭނާ ވަނީ ޓީސީ އާއި އެކު އެއަހަރުގެ ދިވެހި ޕްރިމިއާ ލީގު ވެސް ކާމިޔާބު ކޮށްފައެވެ.
އަންނަ ސީޒަނަށް މާޒިޔާއިން ގިނަ ތައްޔާރީތަކެއް ވަމުން އަންނައިރު، އެ ކުލަބުން އަންނަނީ އަދިވެސް އިތުރު ކުޅުންތެރިން ކުލަބަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. މާޒިޔާއިން އާ ސީޒަނާއި ކުރިމަތިލުމަށް ތައްޔާރުވަމުން އަންނައިރު، އެ ކުލަބުން ވަނީ ދާދީ ފަހުން އެ ކުލަބުގެ ކޯޗުކަމާއި ހަވާލުވި ތަޖުރިބާކާރު ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާއި އެކު ފަރިތަކުރުންތައް ވެސް ފަށާފައެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ޕްރެޒިޑެންޓްސް ކަޕުންނެވެ. އަދި އެއަށްފަހު ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް