ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ލ. ގަމު ކައުންސިލާއި ބައްދަލުކުރައްވާ، ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތަކާއި ތަރައްޤީގެ ވިސްނުން އޮޅުންފިލުއްވައިފި އެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުކަމުގައިވާ މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ސަރުކާރުން ގަމުގައި ހިންގުމަށް ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާއި އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުން ފަދަ ބިޔަ މަޝްރޫޢުތައް ހިންގަން ނިންމުމަކީ ސަރުކާރުން ގަމުގެ ތަރައްޤީއަށް ދޭ އަހައްމިއްޔަތު ހާމަވާކަމެއްކަމުގައި ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފަ އެވެ. މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަންނަ އަހަރަށް ގިނަ މަޝްރޫޢުތަކެއް ބަޖެޓްކޮށްފައިވާ އިރު، މި މަޝްރޫޢުތައް އަވަހަށް ފެށޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ވަނީ ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ދަންނަވާފަ އެވެ.
މީގެ އިތުރުން ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ރަށުގައި ހިންގަންކަމަށާއި، މަގުހެދުމުގެ މަޝްރޫޢާއި، ގިރާ ސަރަޙައްދު ޙިމާޔާތްކުރުމާއި، ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮއްދެއްވުމަށާއި، ރަށުގެ ޞިއްޙީ ޚިދުމަތާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި ރަށުގެ ފެނާ ނަރުދަމާ ނިޒާމް ޤާއިމުކުރާއިރު ބޭނުންވާ ގޮތްތަކާއި ރަށުގެ ބައެއް ސަރަޙައްދުތައް ތަރައްޤީކުރުމުގައި ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތް ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގައި ހިންގާ ބައެއް މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކަންސިލަރުންނާ ހިއްސާކުރައްވައި، އަންނަ އަހަރު ކެންސަރ ހޮސްޕިޓަލާއި، ޓަރޝަރީ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ފެށޭނެކަމުގައި ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ ވިސްނުމުގެ ދަށުން ރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނެކަމަށާއި، ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށް ފަހު އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް