ގަރލްސް ޓު ކޯޑް ކުޅުދުއްފުށި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ކުރިއަށް ގެންދާ ސިލްސިލާ ކޯޑިންގ ޕްރޮގްރާމް، ގަރލްސް ޓު ކޯޑްގެ މިއަހަރު ކުޅުދުއްފުށީގައި ބޭއްވުނު ޕްރޮގްރާމް ނިންމުމުގެ ހަފްލާ ބާއްވައިފި އެވެ. 1 ސެޕްޓެމްބަރ ...

20 Nov 2021 | 11:58

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ކުރިއަށް ގެންދާ ސިލްސިލާ ކޯޑިންގ ޕްރޮގްރާމް، ގަރލްސް ޓު ކޯޑްގެ މިއަހަރު ކުޅުދުއްފުށީގައި ބޭއްވުނު ޕްރޮގްރާމް ނިންމުމުގެ ހަފްލާ ބާއްވައިފި އެވެ.

1 ސެޕްޓެމްބަރ އިން ފެށިގެން 16 ނޮވްމެބަރ ނިޔަލަށް ހިންގި މި ޕްރޮގްރާމް ނިންމުމުގެ ހަފްލާ ބާއްވާފައިވަނީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް ހޯލުގަ އެވެ.

ޕްރޮގްރާމް ނިންމުމަށް ބޭއްވުނު މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ޗީފް ގެސްޓެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ކުޅުދުއްފުށީ ސެކަންޑްރީ ސްކޫލްތަކުގެ އިސްވެރިންނާއި ޕްރޮގްރާމްގެ ބައިވެރިންނާއި އެކުދިންގެ ބެލެނިވެރިން އަދި ދިރާގުގެ އިސްވެރިންނާއި ވިމެން އިން ޓެކްގެ ފަރާތުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މިއަހަރު ހިންގުނު މިޕްރޮގްރާމްގައި 14 އަހަރާއި 20 އަހަރުގެ އުމުރުފުރައިގެ ކޯޑިންއަށް މުޅިން އައު، ޖުމްލަ 18 ދަރިވަރުން ވަނީ ބައިވެރިވެ ޕްރޮގްރާމް ކާމިޔާބުކަމާއެކީ ނިންމާފަ އެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް މި ހަފްލާގައިވަނީ ސެޓްފިކެޓް ހަވާލު ކޮށްފަ އެވެ.

ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ ގަރލްސް ޓު ކޯޑް ކުޅުދުއްފުށި ޕްރޮގްރާމްގައި ބައިވެރިވެ، ޕްރޮގްރާމު ފުރިހަމަ ކުރި ކުދިންނަށް ދިރާގުގެ ފަރާތުން ޑައިރެކްޓަރ ކޯޕަރޭޓް ސަރވިސަސް އާތިފާ ޢަލީ މަރުހަބާ ދެންނެވި އެވެ. ޓެކްނޮލޮޖީ ދާއިރާއިގައި މަސައްކަތްކުރާ އަންހެނުން އިތުރުވަމުން އަންނަކަށް ފާހަގަކޮށް މިދާއިރާއަށް އަންހެންކުދިންނަށް ހުރި ފުރުސަތުތަކުގެ ވާހަކަ ދެންނެވި އެވެ.

އަންހެނުންނާއި އަންހެންކުދިންނަށް އިންޓަރނެޓްގެ ޒަރިއްޔާއިން ރަށުގައި ތިބެގެންވެސް ކެރިއަރއެއް ހޯދަން މިއަދު މަގުފަހިވެފައިވާ ކަންކުރެއްވި އެވެ.

ކުޅުދުއްފުށީގެ ތަރައްގީ ޕްލޭންގައި މީހުން ބިނާ ކުރާ ދާއިރާތަކުގެ ތެރޭގައި ޓެކްނޮލޮޖީ ދާއިރާ ހިމެނޭކަމަށް މޭޔަރ އާތިފް ހާމަކުރެއްވި އެވެ.  ޕްރޮގްރާމްގެ ބައިވެރިންނާއި މުޚާތަބުކޮށް ޕްރޮގްރާމުން ދަސްވި ހުނަރުތަކުގެ ބޭނުންކޮށް އިތުރަށް ތަރައްގީކޮށް ޓެކްނޮކޮޖީ ދާއިރާއަށް ނުކުތުމަށް އިލްތިމާސްކުރެއްވި އެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ކުޅުދުއްފުށީގައި މިފަދަ މުހިންމު ޕްރޮގްރާމްއެއް ހިންގި ކަމަށްޓަކައި ޝުކުރުދެންނެވި އެވެ. އަދި ވިމެން އިންޓެކް މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށް ފާހަގަކުރެއްވި އެވެ.

ޕްރޮގްރާމުން ދަސްވި މަޢުލޫމާތުގެ ބޭނުންކޮށްގެން މުޖުތަމަޢަށް ރަނގަޅު ބަދަލުތަކެއް ގެންނަން ފަށައިގަތުމަށް ވިމެން އިންޓެކް މޯލްޑިވްސްގެ ރައީސާ ހިންދު އަލީ ކުދިންނަށް ހިތްވަރު ދެއްވި އެވެ. އަދި ޕްރޮގްރާމްގައި ދަސްކުރި ހުނަރު ބޭނުންކުރުމަށް ރަށު ލެވެލްގައާއި ގައުމީ ލެވެލްގައި މިޕްރޮގްރާމްގެ ބައިވެރިންނަށް ފުރުސަތު ހޯއްދަވާ ދެއްވުމަށާއި އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާއަށް ނެރުމަށް ބާރު އަޅުއްވާދެއްވުމަށް މޭޔަރ އާތިފް އަރިހުން އެދުނެވެ.

މިހަފްލާގައި ޓެކްނޮލޮޖީ ދާއިރާގައި ދިރާގުގައި ހުރި ފުރުސަތުތަކާއި ބެހޭގޮތުން ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވާހަކަ ދެއްކެވި އެވެ. އަދި މިއަހަރު އިންފޮމޭޝަން ޓެކްނޮލޮޖީއަށް ޚާއްޞަކޮށްގެން ގްރެޖުއޭޓް އެޕްރެންޓިސްޝިޕް ފުރުސަތުތައް ދިރާގުން ހުޅުވާލި  ވާހަކަވެސް ފާހަގަ ކުރެއްވި އެވެ.

ބައިވެރިވި ދަރިވަރުންގެ ފަރާތުން މަރިޔަމް މައިޝާ މުޙައްމަދު މި ހަފްލާގައި ބުނިގޮތުގައި ކޯޑިން އަކީ އުނދަގޫ ދާއިރާއެއްކަމަށް ކުރިން ހީވިނަމަވެސް މި ޕްރޮގްރާމްގެ ސަބަބުން ވިސްނުން ބަދަލުވެ، ކޯޑިން އަކީ ހަގީގަތުގައި ވެސް ކެރިއަރެއްގެ ގޮތުގައި އަންހެނުން ކުދިންނަށް ކުރިއަށް ދިއުމަށް ވަރަށް ރަނގަޅު ދާއިރާއެއްކަން ހާމަކުރި އެވެ.

ކޯޑިންގގެ ހަމައެކަނި ބޭސިކްސް ދަސްކުރުމުން ވެސް މިދާއިރާއިން ލިބިދާނެ ފުރުޞަތުތަކުގެ ގޮތުން އައު ވިސްނުންތަކެއް ލިބިގެން ދިޔަކަމަށްވެސް މައިޝާ ހިއްސާކުރި އެވެ.

މި ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަޤުސަދުގައި  2018 ވަނަ އަހަރުން ފެށިގެން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ހިންގާ ޕްރޮގްރާމް ސީރީޒް އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް