ފުލުހުން ހޯދި މަސްތުވާތަކެތީގެ ލިސްޓު ނުދިނުމުން ބަންދުގައި ހުރި މީހަކު ދޫކޮށްލައިފި

ފުލުހުން ހޯދި މަސްތުވާތަކެތީގެ ލިސްޓު ނުދިނުމުން ބަންދުގައި ހުރި މީހަކު ދޫކޮށްލައިފި އެވެ. ބަންދުން ދޫކޮށްލާފައިވަނީ ޑްރަގް ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ގެ ބަލައި ފާސްކޮށް އެ ގެއިނ...

20 Nov 2021 | 08:09

ފުލުހުން ހޯދި މަސްތުވާތަކެތީގެ ލިސްޓު ނުދިނުމުން ބަންދުގައި ހުރި މީހަކު ދޫކޮށްލައިފި އެވެ.

ބަންދުން ދޫކޮށްލާފައިވަނީ ޑްރަގް ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ގެ ބަލައި ފާސްކޮށް އެ ގެއިން ނެގި ތަކެތީގެ ލިސްޓެއް ފުލުހުން އެ މީހާއަށް ދީފައި ނުވާތީ އެވެ.

ގއ. ދާންދޫ، މިސްކިތްމަގުގެ، އިބްރާހިމް މުހައްމަދު، ޑްރަގް ވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ މަގުމަތިން ހުއްޓުވައި ސައިކަލު ފާސްކުރުމުގެ ތެރޭގައި ޑްރަގް ފެނުމުން ނެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ގެ ބަލައި ފާސްކުރި އިރު އެ ގެއިން ވެސް ވަނީ ޑްރަގް ފެނިފަ އެވެ.

މި މައްސަަލައިގައި އޭނާގެ މައްޗަށް ވަނީ ޑައިމޯފިންގ ޓްރެފިކިންގެ ދައުވާކޮށް މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ އިރު، ކްރިމިނަލް ކޯޓުގައި ހެކިބަސް ނެގުމުގެ މަރުހަލާގައި ކުރިއަށް ދިޔަ އަޑުއެހުމުގައި އިބްރާހިމް މުހައްމަދު ވަނީ އޭނާގެ ސައިކަލާއި ގެ ބަލައި ފާސްކުރި އިރު ފުލުހުން ގެންދިޔަ ތަކެތީގެ ލިސްޓެއް އޭނާއަށް ހަވާލު ނުކުރާ ކަމަށް ބުނެފަ އެވެ.

އެހެންކަމުން މިކަން ސާފުކުރުމަށް ކޯޓުން ވަނީ ޕީޖީގައި އެދުމުން ޕީޖީން އެ ކޯޓަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެފަދަ ލިސްޓެއް ފުލުހުން އެކުލަވާލާފައި ނުވާ ކަމަށެވެ.

މި މައްސަލައިގައި މި ދިޔަ އަންގާރަ ދުވަހު ކުރި ހުކުމްގައި މި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވަނީ ކޯޓު އަމުރުގެ ދަށުން ތަންތަން ބަލައި ފާސް ކުރާ އިރު، އެތަންތަނުން ނެގޭ ތަކެތީގެ އިންވެންޓްރީއެއް، އެ ތަކެތީގެ ވެރިފަރާތް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަރާތެއްގެ ހާޒިރުގައި އެކުލަވާލަން ވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެ މީހާއަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ފަރާތަކަށް އެ އިންވެންޓްރީގެ ކޮޕީއެއް ދޭން އެ ގާނޫނުގައި ބަޔާން ކުރާ ކަމަށް ވެސް ގާޒީ ފާހަގަ ކުރައްވާފައި ވެއެވެ.

އެހެންނަމަވެސް މި މައްސަލައިގައި އެފަދަ އިންވެންޓްރީއެއް އެކުލަވާލައި ދައުވާ ލިބޭ ފަރާތަށް ދީފައި ނުވާތީ އެއީ އިޖުރާއަތާ ޚިލާފަށް ކުރި ކަމެއް ކަަމަށް ވަނީ ހުކުމް ކޮށްފަ އެވެ.

" ބަލައި ފާސްކުރުމުގައި އަމަލުކުރަން ގާނޫނަކުން ލާޒިމުކޮށްފައިވާ އެއްވެސް ކަމެއް ނުކޮށް ދޫކޮށްލައިފި ނަމަ ބަލައި ފާސްކުރުން ސައްހަ ނުވާނެ ކަމަށެވެ. އޭގެ އިތުރުން އެކަން ނުކޮށްފި ނަމަ ތުހުމަތުވާ ފަރާތުގެ ހައްގުތައް ގެއްލޭނެ ކަމަށާއި އެއީ އިންސާފުވެރި ހުކުމަކަށް ވާސިލުވުމަށް ހުރަހަކަށް ވާނެ ކަމަށެވެ." ހުކުމުގައި ވެއެވެ.

ފުލުހުން ހިންގި އެ އޮޕަރޭޝަންގައި އޭނާގެ ގެއިން ގާތްގަނޑަކަށް 135 ގްރާމުގެ ޑްރަގް ފެނިފައިވާ ިއރު، ޑްރަގް ޕެކްކުރަން ބޭނުން ކުރާ ރަބަރު ޕެކެޓުތަކާއި ކިރަން ބޭނުންކުރާ ކައްޓާ ފަދަ ތަކެތި ވެސް ފެނިފައިވާ ކަމަށް ވެސް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް