ބަންގްލަދޭޝްގެ އެންމެ ބޮޑު އަމިއްލަ އެއާލައިން، ޔޫއެސް-ބަންގްލާއިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.
އެ އެއާލައިންގެ ދަތުރުތައް ފެށީ މިއަދު އެވެ. ޔޫއެސް-ބަންގްލާއިން ދަތުރު ކުރާނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
މި އެއާލައިނުން ހަފްތާއަކު ހަތަރު ދަތުރު ރާއްޖެއަށް ކުރާނެ އެވެ. މި ދަތުރުތަކުގައި ބޭނުން ކުރަނީ 189 ޖާގައިގެ މަތިންދާ ބޯޓެވެ.
ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ކުރާ ދަތުރުތަކަކީ ވަރަށް ޑިމާންޑު ބޮޑު ދަތުރުތަކެވެ. އާންމުކޮށް އެ ދަތުރުތައް ކުރަނީ ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބަންގްލަދޭޝް ރައްޔިތުންނެވެ.
ރާއްޖޭގައި ލައްކައަކަށްވުރެ ގިނަ ބަންގްލަދޭޝް މީހުން މަސައްކަތް ކުރެ އެވެ.
ޔޫއެސް-ބަންގްލާ އިން ބުނީ ބަންގްލަދޭޝް އާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުކުރަން ބޭނުންވެފައި ތިިބި މީހުންނަށް ފަސޭހަ ދަތުރުތަކެއް ފަހިކޮށްދިނުމަކީ މުހިންމު މަގްސަދެއް ކަމަށެވެ. އަދި މި ދަތުރުތަކާ އެކު، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނަށް ވެސް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ވެސް ބަންގްލަދޭޝްގެ އެއާލައިނުން ބުނެފައިވެއެވެ.
މިހާރު ބަންގްލަދޭޝްއާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ކުރަނީ ހަމަ އެކަނި ގައުމީ އެއާލައިން މޯލްޑިވިއަންއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް