ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް ފަށައިފި އެވެ.
ކަންޓްރީ އޮފް ފޯކަސްގެގޮތުގައި ފެސްޓިވަލް އިންތިޒާމްކުރާ ފަރާތުން ދިވެހިރާއްޖެ ކަނޑައަޅާފައިވާ އިރު، ފެސްޓިވަލް ފެށުމުގެ ގޮތުން ޚާއްސަ ފިލްމެއްގެ ގޮތުގައި ދައްކާފައިވަނީ ރާއްޖޭގެ ފިލްމީ ދާއިރާއަށް އިންގިލާބެއް ގެނުވި ފިލްމް "ބަވަތި" އެވެ.
ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް ހުޅުވުމަށް ބޭއްވި ހަފުލާގައި ރާއްޖެއާއި އިންޑިއާގެ ބައެއް ސަޤާފީ އަދި މުނިފޫހިފިލުވުމުގެ ބައެއް ހުށަހެޅުންތަކެއް ވެސް ވަނީ ހުށަހަޅާދީފަ އެވެ.
މި ފެސްޓިވަލްގައި ކަރްނާޓަކާގެ ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފިލްމް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާއި ސްކްރިޕްޓް ރައިޓަރުންނާއި އެޑިޓިންގއާއި ސިނެމެޓޯގްރަފީގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުން ވަނީ ބައިވެރިވެފަ އެވެ.
މިފަހަރުގެ ފެސްޓިވަލުގައި ދިވެހި 2 ފިލްމާއެކު ފަންސަވީހަށް ވުރެ ގިނަ ފިލްމް ބައިވެރިކޮށްފައި ވެއެވެ. އޭގެ ތެރޭގައި ޓެމިލް، ޓެގުލޫ، ކަންނާޑާ، ހިންދީ، އަދި އިނގިރޭސި ބަހުން އުފައްދާފައިވާ ފިލްމްތައް ހިމެނެ އެވެ. 3 ދުވަހަށް ކުރިއަށްގެންދާ މި ފިލްމް ފެސްޓިވަލްގެ ފުރަތަމަ ދުވަހު ބާއްވާފައިވަނީ ފެސްޓިވަލް ހުޅުވުމާއި، ދާއިރާގައި މަސައްކަތްކުރާ މީހުން އެއް ބަޔަކު އަނެއް ބަޔަކަށް ތަޢާރަފުވުމަށެވެ. ފެސްޓިވަލްގައި ބައިވެރިކޮށްފައިވާ ފިލްމްތައް ދެއްކުން އޮންނާނީ ދެން އޮންނަ 2 ދުވަހު އެވެ.
ރާއްޖޭގެ ފަރާތުން މި ފެސްޓިވަލްގައި ބައިވެރިކޮށްފައިވަނީ ޢަބްދުލްފައްތާޙް ޑައިރެކްޓްކޮށް 2018 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ހައްދު" އަދި އިލިޔާސް ވަޙީދު ޑައިރެކްޓްކޮށް 2019 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމް "ބަވަތި"އެވެ.
މި ފެސްޓިވަލް ގައި ފެޝަން ޝޯވއަކާއި ކަލްޗަރަލް ޝޯވއެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
މި ފެސްޓިވަލްގައި ދިވެހިރާއްޖެ ތަމްޞީލުކުރުމުގެ ގޮތުން މޯލްޑިވްސް ސޮސައިޓީ ފޯރ ޕަރފޯމިންގ އާޓްސް، އެމް.އެސް.ޕީ.އޭ އިން ވަނީ ބައިވެރިވެފަ އެވެ. އަދި އެމް.އެސް.ޕީ.އޭގެ ޓީމާއެކު ރާއްޖޭގެ ފަރާތުން އެޅުވުމަށް ހަމަޖެހިފައިވާ ދެ ފިލްމު ކަމަށްވާ "ބަވަތި" އަދި "ހައްދު" ގެ ޕްރޮޑަކްޝަން ޓީމުގެ ފަރާތުން ވެސް ވަނީ ބައިވެރިވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް