ފުޓްބޯޅައިގައި ދޭ އެންމެ ޝަރަފުވެރި އިންޑަވިޖުއަލް އެވޯޑް "ބެލަންޑޯ" މިއަހަރުގެ ނޮވެމްބަރު 29 ވަނަ ދުވަހު ދިނުމައް ތައްޔާރީތައް ވަމުން ދާއިރު، މި ފަހަރުގެ މި އެވޯޑް ލިބުން އެންމެ ގާތީ އާޖެންޓީނާ އާއި ފްރާންސްގެ ޕީއެސްޖީ ފޯވާޑް ލިއޮނެލް މެސީއަށް ކަމަށް ރިޕޯޓުތަކުން ދަނީ ބުންމުންނެވެ.
ކޮންމެ އަހަރެއްގެވެސް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހޮވުމަށް ފަހު ދޭ މި އެވޯޑް މެސީއަށް ލިބޭނެ ކަމަށް ގިނަ ބައަކު ބުނާއިރު މިކަމާއި ޚިޔާލު ތަފާތުވާ ބަޔަކުވެސް އެބައުޅެއެވެ. އެގޮތުން ބައެއް ފުޓްބޯޅަ ލެޖެންޑުންގެ ތެރޭގައި މިކަމާއި ޚިޔާލުތަފާތުވުންތައް ހުރިއިރު، މެސީއަށް މި އެވޯޑް ދޭން ނުޖެހޭ ސަބަބުތަކެއް ވެސް ހުރިކަމަށް އެފަރާތްތަކުން ފާހަގަ ކުރެއެވެ.
އެގޮތުން މިފަހަރުގެ ބެލަންޑޯ އެވޯޑް މެސީއަށް ލިބިގެން ނުވާނެ ކަމަށް ދެކޭ އެއް ފަރާތަކީ ފްރާންސްގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް ފްރެންކް ލެބޯފްއެވެ. އޭނާ ބުނާ ގޮތުން މެސީއަށް މިފަހަރުގެ މި އެވޯޑް ލިބެން ޖުހޭ އެންމެ މައިގަނޑު އެއް ސަބަބަކީ މި އަހަރުތެރޭ ސްޕެނިޝް ސުޕަކަޕް ގައި މީހެއްގެ ގައިގައި ޖަހައިގެން މެސީއަށް ދައްކާފައިވާ ރަތް ކާޑެވެ.
ސްކައި ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ލެބޯފް ބުނީ މީގެ ކުރިން 2000 ވަނަ އަހަރާއި 2006 ވަނަ އަހަރު ފްރާންސްގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ކަމަށް ވާ ޒައިނުއްދީން ޒިދާން އަށް ވެސް އެ އަހަރުތަކުގައި ބެލޮންޑޯ ލިބިފައި ނުވަނީ އޭނާއަށް ދައްކާފައިވާ ރަތް ކާޑު ތަކުގެ ސަބަބުންނެވެ. އެހެން ކަމުން މި އުސޫލުން ބަލާ ކަމުގައި ވަނީ ނަމަ މެސީއަށް ވެސް މިފަހަރުގެ މި އެވޯޑް ލިބިގެން ނުވާނެ ކަމަށް ލެބޯފް ބުނެފައި ވެއެވެ.
" ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިއަކީ ޒިދާން. 2000 ވަނަ އަހަރާއި 2006 ވަނަ އަހަރުގެ ބެލޮންޑޯ އެވޯޑް ޒިދާން އަށް ނުދިނީ ރަތް ކާޑު ދައްކާފައި ވުމުން. މެސީ އަށް ވެސް ވަނީ މި އަހަރުތެރޭ ރަތް ކާޑެއް ދައްކާފަ. އުސޫލަކުން ބަލަންޏާ މެސީއަށް ވެސް މި އެވޯޑް ލިބިގެން ނުވާނެ." ފްރެންކް ލެބޯފް ބުންޏެވެ.
ލެބޯފް ބުނީ ކޮންމެ ކަމެއްގައި ވެސް ހަމަހަމަ އުސޫލަތަކެއް އޮންނަން ޖެހޭ ކަމަށާއި އަމަލުކުރަން ޖެހޭނީ ހުރިހާ ކުޅުންތެރިންނަށް ވެސް އެއް އުސޫލަކުން ކަމަށެވެ. އެއް ކުޅުންތެރިއަކު ކުރާ ކުއްތައް ނުބަލާ އަނެއް ކުޅުންތެރިއަކު ކުރާ ކުއްތައް ބަލާ އެއަށް އަދަބު ދިނުމަކީ އަދުލު އިންސާފުން ބޭރުވުން ކަމަށް ވެސް ލެވޯފް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް