އެއަރޕޯޓާއެކު ރަށަށް ފާގަތިކަމާއި އާރޯކަން ލިބިފައިވާ ކަމަށް މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ހޯރަފުށީ އެއަރޕޯޓަށް އެއްއަހަރުފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ވިއްސާރަ މޫސުމުގައި ދަތުރުކުރުމަކީ މީގެކުރިން ހޯރަފުށީ ރައްޔިތުން ބިރުގަންނަ ކަމެއް ކަމަށާއި އެހެންނަމަވެސް މިއަދު މިޙާލަތު ބަދަލުވެފައިވާކަމަށެވެ.
"މިއީ މީގެކުރިން ޙަގީގަތަކަށް ވާނެކަމެއްކަމަށް ބަޔަކު ޤަބޫލުނުކުރި. އެހެންނަމަވެސް މިއީ މިއަދުގެ ހަގީގަތް. އެއަރޕޯޓަކީ ހޯރަފުއްޓާއެކު މުޅި އިހަވަންދިއްޕޮޅަށްވެސް ހުޅުވިގެންދިޔަ ތަރައްޤީގެ ދޮރޯއްޓެއް." ސަލީމް ވިދާޅުވި އެވެ.
ހޯރަފުށީ އެއަރޕޯޓަކީ ރީޖަނަލް އެއަރޕޯޓްސްގެ ދަށުން ހިންގަމުން އަންނަ އެއަރޕޯޓްސްގެ ތެރެއިން ފުރަތަމަ ސެޓިފައިޑް އެއަރޕޯޓެވެ. އަދި ރާއްޖޭގައި ފުރަތަމަ ތަރައްޤީކުރާ ފަޔަރ ޓްރެއިނިންގ އެކަޑަމީ ހޯރަފުށީ އެއަރޕޯޓުގައި ތަރައްޤީކުރުމުގެ މަސައްކަތް ވެސް މިހާރުއަންނަނީ ކުރަމުން ނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާފައިވާ ހޯރަފުށި އެއަރޕޯޓަކީ 1200 މީޓަރުގެ ދިގު 35 މީޓަރު ފުޅާ މިރަންވޭއާއެކު ޒަމާނީ ޑޮމެސްޓިކް އެއަރޕޯޓެއް ހިމެނޭ އެއަރޕޯޓެކެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ އެއަރޕޯޓަކުންވެސް 30 މިނިޓުގައި ލޯންޗުން ކޮންމެ ރަށަކަށްވެސް ދަތުރުކުރެވޭ ރޭންޖުގައި އެއަރޕޯޓުތައް ތަރައްޤީކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް