ވޭޕު އެތެރެކުރުން އަންނަ މަހު 15 އިން ފެށިގެން މަނާކުރަން އަދި ވިއްކުން ޑިސެމްބަރު 15 އިން ފެށިގެން މަނާކުރަން ސަރުކާރުން ނިންމާފައިވާއިރު އެތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން އިސްލާހެއް ސަރުކާރުން މަޖިލީހަށް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.
އެގޮތުން މާދަމާ އޮންނަ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 37 ވަނަ ޖަލްސާއަށް ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ހުށަހަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުން ތާވަލުކޮށްފައިވާއިރު ބުނެފައިވަނީ އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރު ކުރުމަށާއި އެ ގާނޫނުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރެވޭ ތާރީޚާއި ހަމައަށް ހިނގާ މުއްދަތުގައި ރާއްޖެއަށް ގެނެވޭ އެފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރު ކުރުމަށާއި، އެ ގާނޫނުގެ ދަށޫން ނެގޭ އިމްޕޯޓް ޑިއުޓީއާއި ރޯޔަލްޓީ ރެވެނިއު ފީ މައާފުކުރެވޭނެ ހާލަތްތަކާއި އުސޫލުތައް ބަޔާންކުރުން ކަމަށެވެ.
އެ ބިލުގައި ހުށަހަޅާފައިވާ ބަދަލުތަކަށް ބަލާއިރު ސިނގިރޭޓާއި ބިޑީގެ ޑިއުޓީގެ މިންވަރު 50 އިންސައްތަ އިތުރު ކުރުމުގެ އިތުރުން ސިނގިރޭޓަކުން، ބިޑިއަކުން އަށް ރުފިޔާ އިތުރު ކުރުމަށް ހުށަހަޅާފައިވެއެވެ. އެއީ ރައީސްގެ ޓްވީޓްގައިވެސް އެކަން ބަޔާންކޮށްފައިވާ ގޮތެވެ.
ހަމަ އެހެންމެ އިލެކްޓްރޯނިކް ސިނގިރެޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެނޫންވެސް އާލާތްތަކަށް އަޅާ ފްލޭވާއާއި ކެމިކަލްވެސް ޑިއުޓީ 50 އިންސައްތަ އިތުރުކޮށް ކޮންމެ މިލިލީޓަރަކަށް އަށް ރުފިޔާގެ މަގުން އަދި ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާއި ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަކަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) އިންވެސް ޑިއުޓީ 50 އިންސައްތަ އިތުރުކޮށް ސްޓިކަކުން އަށް ރުފިޔާ ނަގަން ވަނީ ހުށަހަޅާފައެވެ.
އެ ޑިއުޓީތަކަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވަނީ ފެށޭ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
މި ބަދަލުތަކާއެކު މި އަހަރުގެ ތެރޭގައި އެކަނިވެސް 180.3 މިލިޔަން ރުފިޔާ އަދި އަންނަ އަހަރު 1،058.7 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިގެންދާނެކަން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް