ރާއްޖެއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ މެފެޑްރޯން (މިއާއޮ މިއާއޮ)، އެތެރެކުރަން އުޅުނު ދިވެއްސަކު އަތުލައިގެންފިއެވެ.
އެގޮތުން ކަސްޓަމްސް އިން މިއަދު ބުނެފައިވަނީ ވައިގެ މަގުން ރާއްޖެއައި ދިވެހި ފަސިންޖަރެއްގެ ލަގެޖުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާކަމަށާއި މިތަކެތި އަތުލައިގަނެފައިވަނީ 2024 އޮކްޓޯބަރު 19 ވަނަ ދުވަހު، ބެންކޮކުން ރާއްޖެއައި ދިވެހި ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެއީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.
އޭނާގެ ލަގެޖުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން(Mephedrone) އަށް ވަނީ ޕޮޒިޓިވް ވެފައިވާއިރު މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1.86 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 3,348,000.00 (ތިން މިލިއަން ތިންލައްކަ ސާޅީސް އަށްހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ކަސްޓަމްސް އިން އިތުރަށް ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއިއެކު އެމީހާ މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައި ކަމަށެވެ.
މެފެޑްރޯން ހިމެނެނީ ސިންތެޓިކް ޑްރަގް ގިންތީގައެވެ. މަސްތުވާތަކެތީގެ މި ބާވަތަށް ކުރުކޮށް "އެމް-ކެޓް"، "މިއާއޮ މިއާއޮ" އަދި އެންމެ ކުރުކޮށް "އެމްސީ" ކިޔާ އުޅެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް