ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކަށް ފާޑުވިދާޅުވެޖެ އެވެ.
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބުރާސްފަތި ދުވަހު ވިދާޅުވީ ޣައްޒާގައި ފަލަސްތީނުގެ އާންމުންނަށް ދޭ ހަމަލާތަކަކީ ވަރަށް ނުރައްކާތެރި ހަމަލާތަކެއް ކަމަށާއި އިޒްރޭލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ފުޅާވެއްޖެ ނަމަ ނުރައްކާތެރި ނަތީޖާއެއް ނުކުންނާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.
ޕްރިންސް މުޙައްމަދު މިހެން ވިދާޅުވީ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކްއާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަ ފުޅުގައެވެ. ރިޔާޟަށް ވަޑައިގަތުމުގެ ކުރިން ސުނާކް ވަނީ އިސްރާއީލުގެ ލީޑަރުންނާ ބައްދަލުކުރައްވައި، އިސްރާއީލަށް ތާއީދުކުރައްވާކަން ތަކުރާރުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޕްރިންސް މުޙައްމަދު ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ނުރައްކާތެރި ޙަމަލާތަކާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ސަރަޙައްދުގައި ކުށެއްނެތް ޢާންމުން ހިމާޔަތްކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.
އަދި ހަމަނުޖެހުންތައް އިތުރަށް ހޫނުވެއްޖެ ނަމަ ނުރައްކާތެރި ނަތީޖާއެއް ނުކުންނާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ވާހަކައިން ދައްކުވައިދެނީ ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން ނެރެލުމާ ދެކޮޅަށް ސަޢޫދީ ޢަރަބިއްޔާއިން ގެންގުޅޭ ހަރުދަނާ ސިޔާސަތާއި، ސަޢޫދީޢަރަބިއްޔާއިން ތިބީ ފަލަސްތީނުގެ ހައްގުގައި ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް