އަރަބި ކަނޑުގައި ކޮޅިގަނޑެއް ބަންގާޅު ކަނޑުގައި ލޯ ޕްރެޝަރެއް

އަރަބި ކަނޑުގައި އުފެދުނު ސައިކްލޯނިކް ސެޓަޕުން އިއްޔެ އުފެދުނު ލޯ ޕްރެޝަރު މިއަދު ކޮޅިގަނޑަކަށް ބަދަލުވެފައިވާއިރު ބަންގާޅުކަނޑުގައިވާ ސެޓަޕުން ލޯ ޕްރެޝަރެއް އުފެދިއްޖެއެވެ. އަރަބި ކަނޑަކީ އިންޑިއާއާ...

20 Oct 2023 | 09:48

އަރަބި ކަނޑުގައި އުފެދުނު ސައިކްލޯނިކް ސެޓަޕުން އިއްޔެ އުފެދުނު ލޯ ޕްރެޝަރު މިއަދު ކޮޅިގަނޑަކަށް ބަދަލުވެފައިވާއިރު ބަންގާޅުކަނޑުގައިވާ ސެޓަޕުން ލޯ ޕްރެޝަރެއް އުފެދިއްޖެއެވެ.

އަރަބި ކަނޑަކީ އިންޑިއާއާއި އަރަބި ގައުމުތަކާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދެވެ. ބަންގާޅު ކަނޑަކީ އިންޑިއާގެ އަނެއް ބިތުން ތައިލެންޑް، ބަރްމާ، ބަންގްލަދޭޝް އާއި އިންޑިއާއާއި ދެމެދުގައިވާ ސަރަހައްދުގެ ކަނޑެވެ.

ތޫފާނީ މި ދެ ސެޓަޕަށް ވަކިވަކިން ބަލައިލާއިރު އަރަބި ކަނޑުގައިވާ ކޮޅިގަނޑު ބާރުގަދަ ކޮޅިގަނޑަކަށް މިއަދުގެ ވަގުތެއްގައި ބަދަލުވާނެއެވެ. އަދި މާދަމާ ތޫފާނަކަށް ބަދަލުވާނެކަމުގައި އަންދާޒާ ކުރެވޭއިރު ތޫފާނަކަށް ބަދަލުވެއްޖެނަމަ މި ތޫފާނަށް ދޭނެ ނަމަކީ ތޫފާން "ތޭޒް" އެވެ.

ތޫފާން ތޭޒް އުފެދޭނެ ކަމަށާއި ތޫފާން ތޭޒަކީ ބާރުގަދަ ތޫފާނަކަށްވެސް ވާނެކަމަށް އަންދާޒާކުރެވޭއިރު ބާރުގަދަ ތޫފާނެއްގެ ގޮތުގައި 23 އަދި 24 ވަނަ ދުވަހު ހުންނާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އެއަށްފަހު 25 ވަނަ ދުވަހު ތޫފާނުގެ ބާރު ދަށްވާން ފަށާނެކަމަށްވެސް ނިމުތުކޮށްފައިވެއެވެ.

މިސްރާބަށް ބަލާއިރު ތޫފާން ތޭޒްގެ މިސްރާބު ހުރީ އަރަބި ގައުމުތަކާއިވީ ފަޅިއަށެވެ.

އަނެއްކޮޅުން ބަންގާޅު ކަނޑުގައި ހުރި ސެޓަޕަށް ބަލާލާއިރު މިހާރު ހުރި ލޯ ޕްރެޝަރު މާދަމާގެ ވަގުތެއްގައި ކޮޅިގަނޑަކަށް ބަދަލުވާނެކަމަށް އަންދާޒާ ކުރެއެވެ. އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ ނަމަ އެ ތޫފާނަށް ކިޔާނެ ނަމަކީ ތޫފާން "ހަމޫން" އެވެ. އެއީ އިރާނުން ދޭ ނަމެކެވެ. އަރަބި ކަނޑުގައި އުފެދޭނެ ކަމަށް ބެލެވޭ ތުފާން "ތޭޒް" އަކީ އިންޑިއާއިން ދީފައިވާ ނަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް