އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާގެ ތިންވަނައަށް އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އެއް މިސްކިތް ކަމުގައިވާ މަސްޖިދު އަލް-އުމާރީ އަލް-ކަބީރް މިސްކިތް (ދަ ގްރޭޓް މޮސްކް އޮފް ޣައްޒާ) ބިމާ ހަމަކޮށްލައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ މިސްކިތް އަދި މިސްކިތް ހިމެނޭ ސަރަހައްދަށް އިޒްރޭލުން ވައިގެ މަގުން ހަމަލާތަކެއް ދިނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
އަލް-މަސްޖިދު ޣައްޒާ އަލް-ކަބީރްގެ ނަމުންވެސް ނަން ދީފައިވާ އެ މިސްކިތަކީ އެންމެ ބޮޑު އަދި އެންމެ ގިނަ ދުވަސްވީ އެއް މިސްކިތްކަމަށް އެންސައިކްލޮޕީޑިއާގައި ބުނެއެވެ. އެ މިސްކިތުގެ ތާރީހު ހަތްވަނަ ގަރުނަށް ފޯރާނެ ކަމަށްވެސް ވިކިޕީޑިއާގައި ބުނެއެވެ.
ރެއާއި މިއަދުވެސް އިޒްރޭލުން އަންނަނީ ހުއްޓުމެއްނެތި ޣައްޒާއަށް ވައިގެ މަގުން ހަމަލާތައް ދެމުންނެވެ. އެގޮތުން ރޭގައި އެކަނިވެސް ޣައްޒާގެ އެކި ސަރަހައްދުތަކަށް 100 އަށްވުރެ ގިނަ ހަމަލާ ދީފައިވާނެކަމަށް އިޒްރޭލުން ބުނެފައިވެއެވެ .
ހުއްޓުމެއްނެތި ހަމަލާދެމުން އަންނަތާ 14 ދުވަސްވެފައިވާއިރު ޣައްޒާއިން އެކަނި މިހާތަނަށް 3،785 މީހަކު މަރުވެފައިވެއެވެ. ޒަޚަމްވެފައިވާ މީހުންގެ އަދަދު އުޅެނީ 12 ހާހުން މަތީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް