ދިގު މުއްދަތަކަށްފަހު އެންޑީއޭގެ ސީއީއޯ ކަމުގެ މަގާމަށް އިމާދު ޞާލިޙް

ނޭޝަނަލް ޑްރަގް އޭޖެންސީ (އެމްޑީއޭ) ގެ ހުސްވެފައިވާ ސީއީއޯ ކަމުގެ މަގާމަށް، ދޮޅު އަހަރުގެ ދިގު މުއްދަކަށްފަހު ސ.މަރަދޫފޭދޫ / އެވަރެސްޓް ޢިމާދު ޞާލިޙް އައްޔަނު ކޮށްފިއެވެ. އެންޑީއޭއިން މައުލޫމާތު ދީފައ...

20 Oct 2022 | 12:10

ނޭޝަނަލް ޑްރަގް އޭޖެންސީ (އެމްޑީއޭ) ގެ ހުސްވެފައިވާ ސީއީއޯ ކަމުގެ މަގާމަށް، ދޮޅު އަހަރުގެ ދިގު މުއްދަކަށްފަހު ސ.މަރަދޫފޭދޫ / އެވަރެސްޓް ޢިމާދު ޞާލިޙް އައްޔަނު ކޮށްފިއެވެ.

އެންޑީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި އެ މަގާމަށް މިއަދު ބޭފުޅަކު އައްޔަނު ކޮށްފައި ވަނީ، 18 ޖަނަވަރީ 2021 ގެ ފަހުން އެ މަގާމުގައި ހުސްވެފައި ވަނިކޮށެވެ. އާ ސީއީއޯއެއް ހޯދުމަށް ކުރި އިއުލާނަށް މީގެ ކުރިން މާ ބޮޑު ތަރުހީބެއް ނުލިބުމުން، ސީއީއޯގެ މަގާމަށް އެންމެ ފަހުން އިއުލާނު ކޮށްފައިވަނީ އެ މަގާމުގެ ޓީއޯއާރ އިސްލާހު ކުރުމަށްފަހު މުސާރައާއި އިނާޔަތްތަކަށް (ޕޭ ކޮމިޝަން މެދުވެރިކޮށް) ބަދަލުތަކެއް ގެނެސް، މިދިޔަ އޯގަސްޓް މަހުގެ 1ވަނަ ދުވަހު ކަމަށް ވެސް އެންޑީއޭ އިން މައުލޫމާތު ބުނެފައިވެއެވެ.

އެ އިއުލާނުގެ ދަށުން 12 ބޭފުޅަކު އެ މަގާމަށް ކުރިމަތިލެއްވި ކަމަށާއި އެ ހުރިހާ ބޭފުޅުންނާ ވެސް އިންޓަވިއުކޮށް، އިމާދު ޞާލިޙް އެ މަގާމަށް އައްޔަނު ކުރީ ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށް އެންޑީއޭ އިން ބުނެފައިވެއެވެ.

އެންޑީއޭގެ ސީއީއޯ ކަމުގެ މަސްއޫލިއްޔަތާއި އިމާދު ޞާލިޙް ހަވާލުވެވަޑައިގަންނަވާނީ އަންނަ ނޮވެމްބަރު 01 ވަނަ ދުވަހުގައެވެ.

އިމާދު ޞާލިޙަކީ ވިލާ ކޮލެޖުން މާސްޓާ އޮފް ޝާރީޢާ އެންޑް ލޯ، މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ޔުނިވާސިޓީ އޮފް ނޮޓިންގހަމް އިން މާސްޓާޒް އިން އެޑިއުކޭޝަނަލް މެނޭޖްމަންޓް ފުރިހަމަ ކުރައްވާފައިވުމުގެ އިތުރުން، ހިންގުމުގެ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް