ޖަލުތަކުގައި ބަންދު ކޮށްފައި ތިބި ބައެއް މީހުންގެ ޝަކުވާ: ބޭސް ފަރުވާއަށް އެދުމުން، ލިބުނީ އަނިޔާ!

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ދަށް ކަމާއި، ޖަލުތަކުގައި ބަންދު ކޮށްފައި ތިބޭ މީހުންނާ މެދު އިހާނެތިކޮށް ކަންތައް ކުރަމުން އަންނަ ކަމުގެ ވާހަކައަކީ ހަމަޔަގީނުން ވެސް އަޅުގަނޑުމެންނަށް އާ ވާހަކަތަކަކަށް ނު...

20 Oct 2022 | 11:45

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ދަށް ކަމާއި، ޖަލުތަކުގައި ބަންދު ކޮށްފައި ތިބޭ މީހުންނާ މެދު އިހާނެތިކޮށް ކަންތައް ކުރަމުން އަންނަ ކަމުގެ ވާހަކައަކީ ހަމަޔަގީނުން ވެސް އަޅުގަނޑުމެންނަށް އާ ވާހަކަތަކަކަށް ނުވެއެވެ. މިފަދަ މައްސަލަތަކަށް އެއްވެސް އިންސާފެއް މިއަދާ ހަމައަށް ލިބިފައި ނުވާއިރު، ޖަލުތަކުގައި ބަންދު ކޮށްފައި ތިބި މީހުންނާމެދު ޢަމަލު ކުރަމުން އަންނަ އުސޫލުތައް ވެސް ދުވަހުން ދުވަހަށް އަންނަނީ ގޯސްވަމުންނެވެ.

އެގޮތުން ޖަލު ބަންދުގައި ތިބޭ މީހުންނަށް ރަނގަޅު ބޭސް ފަރުވާއެއް ފޯރުކޮށް ނުދެވުމުގެ ޝަކުވާއާއި، މިފަދަ ޝަކުވާތަކެއް ބަންދުގައި ތިބި މީހުން ކުރުމުން އެމީހުންނަށް އަނިޔާ ކުރާ ކަމުގެ ކަންބޮޑުވުން ވެސް މިހާރު މިވަނީ ފެންމަތިވެފައެވެ.

ދާދި ފަހުން މިފަދަ ހާދިސާއެއް ހިނގާފައިވާ ކަމުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް ލިބިފައިވެއެވެ. ޖަލު ބަންދުގައި ހުރި މީހެއްގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު، ނަން ހާމަ ނުކުރުމަށް އެދި "ދުވަސް" އަށް މައުލޫމާތު ދެމުން ބުނީ، އޭނާގެ "ކޮއްކޮ" އަކަށް މިދިޔަ މަހުގެ ފަހުކޮޅު ކަރެކްޝަނަލް ސާވިސަސްގެ އޮފިސަރުންތަކެއް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާއަށް އަނިޔާ ކޮށްފައިވަނީ ގޮޅީގައި އޮތް އެހެން ހާލު ދެރަ މީހަކަށް ބޭސް ފަރުވާ ކޮށްދޭން ގޮވާލުމުންނެވެ. އެދުވަހު ކަން ހިނގައި ދިޔަ ގޮތް އޭނާ ވަނީ އާއިލީ ބައްދަލުވުމުގައި އޭނާގެ އާއިލާއަށް ތަފްސީލުކޮށް ކިޔައިދީފައެވެ.

"ކޮއްކޮ އެއިރު ގޮޅިން ނެރުނީ އޮފިސަރަކާ ވާހަކަ ދައްކާލަން އެދުމުން. ދެން ގެނެސް އަނބުރާ ގޮޅިއަށް ވައްދަން ގެނައި އިރު ފެނުނީ ގޮޅީގައި އޮތް އެހެން މީހަކު ބަލިވެ ވަރަށް ހާލުދެރަވެފަ އޮއްވާ. އެއީ ހިތުގެ ބަލި ހުންނަ މީހެއް. ބޭސް ކޮށްދޭން ކުރިންވެސް އެދުމުން ރަނގަޅަށް ފަރުވާ ނުކޮށް ހުރި ކަމަށް ވަނީ. އެހެންވެ ކޮއްކޮ ބުނީ އެމީހާގެ ބޭސް ފަރުވާގެ ކަންކަން ރަނގަޅަށް ކޮށް ނުދެނީސް ގޮޅިއަށް ނުވަންނާނަމޭ. އެހެން ބުނުމުން އެއިރު އެތަނުގައި ހުރި އޮފިސަރަކު ކޮއްކޮ ގައިގަ ޖަހައި އަނިޔާ ކުރީ. އަނިޔާ ނުކުރުމަށާއި ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ކޮއްކޮ އެދުނު، އެކަމަކު އެ އާދޭސްތައް އަޑެއް ނޭހި." މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.

އަނިޔާ ކުރުމަށްފަހު ގޮޅިއަށް ވެއްދުމުން، އޭނާއަށް އަނިޔާ ކުރިއޭ ގޮޅީގެ މީހުން ގާތު ބުނިކަމަށް ވެއެވެ. އަދި އެއީ ތެދެއްތޯ ގޮޅީގެ މީހުން އެ އޮފިސަރު ގާތު އެހުމުން، ބިޑި އަޅުވާފަ އަނެއްކާވެސް އޭނާ ބޭރަށް ނެރެ  ތިރީގައި އޮތް ބަންކަރަށް ގެންގޮސް، އަނެއްކާވެސް އޭނާއަށް އަނިޔާ ކުރިކަމަށާއި ގެންދިޔަ މަގުމަތީގައި އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށް، ބޮލުގެ އިސްތަށިގަނޑުގައި ހިފައި ބޮލުގައި ތެޅި ކަމަށް ވެސް އޭނާ އާއިލާއަށް މައުލުމާތު ދީފައިވެއެވެ. އެކަމުގެ ސަބަބުން އޭނާގެ ބޮލަށް ވަރަށް ބޮޑަށް އެނބުރުން އެރި ކަމަށް ވެސް ބުނެފައިވެއެވެ.

"ކޮއްކޮއަށް އަނިޔާ ކުރި އީއެސްޖީ އޮފިސަރުގެ އިތުރުން އެހެން ތިން އޮފިސަރަކު ވެސް އެކަމުގައި ބައިވެރިވި. އެމީހުން ކޮއްކޮއަށް މަޖުބޫރު ކުރަމުން ދިޔައީ ކޮއްކޮއަށް އަނިޔާ ކުރި ވާހަކަ އެއްވެސް މީހެއް ގާތު ނުބުނުމަށް. ބުނެފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ވެސް ބުނި. އެންމެ ފަހުން އެމީހުން ކޮއްކޮ ދޫކޮށްލައި އަނބުރާ ގޮޅިއަށް ގެނައީ، އެ އަނިޔާތަކަށް ކެތް ނުކުރެވިގެން އެންމެ ފަހުން އެމީހުން ބުނި ގޮތަށް ކަންތައް ކުރަން ކޮއްކޮ އެއްބަސްވުމުން" އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހާ ކިޔައި ދިނެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަ މިހާރު އެ އާއިލާއިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށާއި ހޯމް މިނިސްޓްރީގެ އިތުރުން ރައީސް އޮފީހަށް ވެސް ހުށަހަޅާފައެވެ. އެޗްއާރްސީއެމް އިން އަނިޔާ ލިބުނު މީހާއާއި ބައްދަލުކޮށް، އަނިޔާ ކޮށްފައި ހުރި ތަންތަނުގެ ފޮޓޯ ނެގި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ. ހޯމް މިނިސްޓްރީން ބުނެފައިވަނީ، އެޗްއާރްސީއެމްއާއި ގުޅިގެން މި މައްސަލަ ބަލަމުން އަންނަ ކަމަށާއި ތަހުގީގު ފުރިހަމަވުމުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. ރައީސް އޮފީހުން އެ އާއިލާއަށް ދީފައިވާ ޖަވާބަކީ، ޝަރީޢަތުގައި ހިނގަމުންދާ މައްސަލަތަކުގައި އެ އޮފީހުގެ ދައުރެއް މިހާރު ނޯންނަ ކަމަށެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން "ދުވަސް" އިން ސުވާލު ކުރުމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ އެއްވެސް އެކަލަހަ ކަމެއް ހިނގާފައިވާނަމަ ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ޖަލުތަކުގައި ވެސް އަދި އެހެން ތަނެއްގައި ވެސް އަނިޔާވެރިކަން އޮތުމަކަށް މި ސަރުކާރުން ފުރުސަތެއް ނުދޭނެ" މިއުވާން ވިދާޅުވިއެވެ.

މިއުވާން އިތުރަށް ވިދާޅުވީ، ޖަލުތަކުގައި އަނިޔާގެ ޢަމަލެއް މި ސަރުކާރުން ނުހިންގާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މި ހާދިސާއާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން "ދުވަސް" އަށް މައުލޫމާތު ދެއްވަމުން،  ތަރުޖަމާނު އަޙްމަދު ނަސީމް ވިދާޅުވީ މިފަދަ މައްސަލައެއް އެ އާއިލާގެ ފަރާތުން ހުށަހަޅާފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

"މިކޮޅު ޕްރޮފެޝަނަލް ސްޓޭންޑާޑްސް އިން މިހާރު ދަނީ މިމައްސަލަ ބަލަމުން. ތަހުގީގު ކުރީމަ އަސްލުގަ އަޅުގަނޑުމެންނަށް އެނގޭނީ ކިހިނެއް ހިނގާފައި އޮތް ކަމެއްކަން. ގަސްތުގައި އަނިޔާ ކޮށްފައިވާ ނަމަ މިކޮޅުން އަޅަން ޖެހޭ ފިޔަވަޅުތަކެއް އެ އޮފިސަރުންނާ ދޭތެރޭ އަޅާނެ" ނަސީމް ވިދާޅުވިއެވެ.

ޖަލު ބަންދުގައި ވާނުވާ ޖަހާފައި ތިބި ގިނަ މީހުންގެ އާއިލާއިން ބުނާ ގޮތުގައި، ބަންދުގައި ތިބި މީހުންނަށް ބޭސް ފަރުވާ ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑެވެ. ބޭސް ފަރުވާ ލިބުމަކީ އިންސާނީ ޙައްޤަކަށް ވާއިރު، އެކަން ފޯރުކޮށް ދިނުމުގައި އިހުމާލު ނުވުމަށާއި އިންސާނިއްޔަތު ކަމާ އެކީ އެމީހުންނަށް ވެސް ޢަމަލު ކުރުމަށް ބަންދުގައި ތިބި މީހުންނާއި އެމީހުންގެ އާއިލާއިން ވެސް ގޮވާލަމުން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް