ދައުރު ނިމުނަސް ފްލެޓު ލިބޭ މީހުންގެ ލިސްޓު ބަދަލު ނުވާނެ ކަމުގެ ޔަގީންކަން ދީފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު މި ދައުރު ނިމުނަސް ބަދަލު ނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރު ނިމެން އަހަ...

20 Oct 2022 | 10:49

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު މި ދައުރު ނިމުނަސް ބަދަލު ނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރު ނިމެން އަހަރެއްހާ ދުވަސް ވެފައި ވަނިކޮށް އިއުލާނު ކުރި ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ މިމަހުގެ 15 ވަނަ ދުވަހު އެވެ. މުއްދަތު ހަމަވި އިރު ފްލެޓާއި ގޯއްޗަށް އެދި 35،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި "ދުވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ދައުރު ނިމޭއިރު ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު އޮންނާނީ އާންމު ކުރެވިފައި ކަމަށެވެ. އަދި ލިސްޓު އެކުލަވާލާނީ ބޯހިޔާވަހި ކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުން ބަލައިގެން އެމީހުންނަށް އެންމެ އިސްކަން ދީގެން ކަމަށެވެ.

މިއުވާން ވަނީ ސަރުކާރުން އާންމު ކުރާ ލިސްޓާއި މެދު އެއްވެސް މީހަކަށް ޝަކުވާ ނުކުރެވޭހާ ފުރިހަމަ ވާނެ ކަމަށް ވިދާޅުވެފައި އެވެ. އޭނާ ވަނީ އެ ލިސްޓު ދައުރު ނިމުނަސް ބަދަލުނުވާނެ ކަމުގެ ޔަގީންކަން ދީފައި އެވެ. އެއީ އަންނަ ދައުރުގައިވެސް އޮންނާނީ މި ސަރުކާރު ކަމަށްވާތީ ކަމަށް ވިދާޅުވި އެވެ.

ދައުރު ނިމޭތީ، ބޯހިޔާވަހިކަމަށް އެދުނު މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ ސަރުކާރުން އާންމު ކުރާ ލިސްޓު އަންނަ ދައުރުގައި ބަދަލުވެދާނެ ކަމެވެ. އެއީ ހިޔާ ފްލެޓަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކުލަވާލި ލިސްޓަށް މި ސަރުކާރު ވެރިކަމަށް އައިސް ބަދަލު ގެނެސްފައިވާތީ އެވެ.

މި ސަރުކާރުން އިއުލާނު ކޮށްފައިވާ ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ދަށުން މާލޭ މީހުންނަށް 3،000 ގޯތި އަދި މާލޭ މީހުންނާއި 15 އަހަރު މާލޭގައި އުޅެފައިވާ މީހުންނަށް 4،000 ފްލެޓު ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. ފްލެޓުގެ ތެރޭގައި ދެ ކޮޓަރިއާއި ތިން ކޮޓަރި ހިމެނެ އެވެ.

ސަރުކާރުން ބުނީ މީގެ ތެރެއިން ގޯތި ލިބޭ މީހުންގެ ލިސްޓު އަންނަ އަހަރުގެ ފުރަތަމަ ތިން މަސް އަދި، ފްލެޓު ލިބޭ މީހުންގެ ލިސްޓު އަންނަ އަހަރުގެ މެދު ތެރޭގައި އާންމު ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް