ޔާމީން ރަށްރަށަށް ވައުދު ވަނީ މާލޭގައި ކޮށްދިން ކަންތަކުގެ ފޮޓޯ ކުރިމަތީ ހުންނަވައިގެން: މިއުވާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަތޮޅު ތެރޭގޭގައި ކޮށްދެއްވާނެ ކަންކަމުގެ ވައުދު ވަމުން ދަނީ މާލޭގައި ކޮށްދީފައިވާ ކަންކަމުގެ ފޮޓޯއެއް ކުރިމަތީގައި ހުންނަވައިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާ...

20 Oct 2022 | 08:39

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަތޮޅު ތެރޭގޭގައި ކޮށްދެއްވާނެ ކަންކަމުގެ ވައުދު ވަމުން ދަނީ މާލޭގައި ކޮށްދީފައިވާ ކަންކަމުގެ ފޮޓޯއެއް ކުރިމަތީގައި ހުންނަވައިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއުވާން މިހެން ވިދާޅުވީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

އޭނާ ވިދާޅުވީ ޔާމީން ރަށްރަށުގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުންދާ ގިނަ ކަންކަމަކީ މި ސަރުކާރުން ކޮށްދީ ނިމިފައި ހުރި ކަންކަން ކަމަށެވެ. ނުވަތަ މިސަރުކާރުން ކޮށްދޭނެ ކަމަށް އިއުލާނު ކޮށްފައިވާ ކަންކަން ކަމަށް މިއުވާން ވިދާޅުވި އެވެ.

އޭގެ އެއް ވައުދުގެ ގޮތުގައި މިއުވާން ފާހަގަ ކުރެއްވީ ހއ. އިހަވަންދޫ އައިސް ޕްލާންޓެވެ. މިއުވާން ވިދާޅުވީ އެ ވައުދަކީ މި ސަރުކާރުން ވީ ވައުދެއްކަމަށާއި އެކަން ފުރިހަމަވެސް ކޮށްދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ދެން ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ އަތޮޅުތެރޭގައި މިވެނި އެވެނި ކަމެއް ކޮށްދޭނެ ކަމަށް ވިދާޅުވި އިރު ވެރިކަމުގައި ހުންނެވި އިރު އަތޮޅު ތެރޭގެ ތަރައްގީއަށް އެއްވެސް ކަމެއް ކޮށްދެއްވާފައި ނުވާ ކަމަަށެވެ. އަދި އެއީ ތަރައްގީ ކުރަން ޖެހޭ ތަނެއްގެ ގޮތުގައި ބަލައިގެންފަ ނުވާކަން ދިވެހި ރައްޔިތުންނަށް ފެނިފައިވާނެ ކަމަށެވެ.

މިއުވާން ވިދާޅުވީ އަތޮޅު ތެރޭގެ ތަރައްގީއަށް މަސައްކަތް ކޮށްދެމުންދަނީ މިސަރުކާރުން ކަމަށާއި އެކަން ރައްޔިތުން ގަބޫލު ކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީން ވަނީ މިދިޔަ ހަފްތާގައި ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދެން ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ ކޮށްދެއްވާނެ ގިނަ ކަންތައްތަކެއްގެ ވާހަކަ ވިދާޅުވަމުންނެވެ. އެގޮތުން އެންމެ ބޮޑު ވައުދަކަށް ވެފައިވަނީ ހއ. ދިއްދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅައިދިނުމުގެ ވައުދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް