ލުބުނާންގައި ކޮލެރާގެ އައުޓް ބްރޭކެއް، ދެ ދުވަސް ތެރޭގައި 100އެއްހާ މީހުންނަށް ބަލި ޖެހިއްޖެ

ލުބުނާންގައި ކޮލެރާ ބަލީގެ އައުޓް ބްރޭކެއް އުޅޭކަން އިއުލާނުކޮށްފި އެވެ. ލުބުނާނުގެ ކެއާޓޭކާ މިނިސްޓާ އޮފް ޕަބްލިކް ހެލްތް ފިރާސް އަބިއާދް ވިދާޅުވީ އެންމެ ފުރަތަމަ ކޭސް ފެނިފަފައިވަނީ ލުބުނާންގެ އުތުރ...

20 Oct 2022 | 04:45

ލުބުނާންގައި ކޮލެރާ ބަލީގެ އައުޓް ބްރޭކެއް އުޅޭކަން އިއުލާނުކޮށްފި އެވެ.

ލުބުނާނުގެ ކެއާޓޭކާ މިނިސްޓާ އޮފް ޕަބްލިކް ހެލްތް ފިރާސް އަބިއާދް ވިދާޅުވީ އެންމެ ފުރަތަމަ ކޭސް ފެނިފަފައިވަނީ ލުބުނާންގެ އުތުރުގެ ފަގީރު ސަރަހައްދުތަކުން ކަމަށެވެ. އެ ބަލި އައި ކަމަށް ގަބޫލު ކުރެވެނީ އެ ސަރަހްއްދާއި އެއްގަމު މަގުން ގުޅިފައި އޮންނަ އަވައްޓެރި ސީރިއާއިން ކަމަށެވެ.

މިކަމުގެ ޒިންމާ އޭނާ އަޅުވާފައިވަނީ ލުބުނާންގެ ސިޔާސީ ފަރާތްތަކުގެ ބޮލުގައި އެވެ. ފިރާސް ވިދާޅުވީ އިގްތިސޯދަށް އަންނަ މުންދާ ބަދަލާއި ބޯޑަރު ކޮންޓްރޯލް ކުރުމުގައި ނުކުޅެދިފައި ވުމަކީ މި އައުޓް ބްރޭކް ލުބުނާނަށް އަންނަން ޖެހުނު ސަބަބު ކަމަށެވެ.

ލުބުނާނުގެ ޕަބްލިކް ހެލްތް މިނިސްޓްރީން ބުނެފައިވާގޮތުގައި މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 169 މީހުން ކޮލެރާއަށް ޕޮސިޓީވްވެފައިވެ އެވެ. އަދި އޭގެ ތެރެއިން ދެބައި ކުޅަ އެއްބައި މީހުންނަށް ބަލި ޖެހުނީ އިއްޔެ އާއި އޭގެ ކުރީ ދުވަހު ކަމަށް ބުނެފައިވެ އެވެ.

ބަލި ޖެހެމުންދާ ގިނަ މީހުންނަކީވެސް ބޯޑަރު ހުރަސްކޮށް އެ ގައުމަށް ވަންނަމުންދާ ސީރިއާ މީހުން ކަމުން، މިކަމުގެ ނުރައްކާ މުޅި ގައުމަށް އޮންނާނެ އެވެ. އަދި މިހާރު ލުބުނާން މީހުންގެ ގައިންވެސް ބަލި ފެންނަމުންދާ ކަމަށާއި އެއީ ސީރިއާއިން އެތެރެވާ މީހުން ފަގީރު އަވަށްތަކަށް ވަގަށް ވަންނަމުންދާތީ ކަމަށެވެ.

މިއީ 1993 ވަނަ އަހަރުގެ ފަހުން ލުބުނާންގައި ކޮލެރާގެ އައުޓް ބްރޭކެއް އައި ފުރަތަމަ ފަހަރެވެ. އެފަހަރުގެ އައުޓް ބްރޭކްގައި މަރުވެފައިވަނީ ފަސް މީހުންނެވެ.

ކޮލެރާއަކީ ތަގައްޔަރުވެފައިވާ ފެނުން އަދި އެފަދަ ފެން ބޭނުން ކޮށްގެން ހަދާފައިވާ ކާއެއްޗެހިން ފެތުރޭ ބައްޔެކެވެ.

ޕަބްލިކް ހެލްތް ޑިޕާޓްމެންޓުން ބުނީ މީގެ ތިން އަހަރު ކުރިން ހިނގި ބޭރޫތް ޕްލާސްޓަށް ފަހު އެ ގައުމުގައި ސިއްހީ މައްސަލަތައް ވަރަށް އިތުރުވެފައިވާ ކަމަށެވެ. އަދި މިހާރު ކޮލެރާވެސް މުޅި ގައުމަށް ފެތުރިދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް