ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ ޓޮޓެންހަމްއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ލީގުގެ ފަސްވަނައަށް މެންޗެސްޓަރ ޔުނައިޓެޑުން ޖެހިލައިފިއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ންނެވެ.
ޔުނައިޓެޑުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ޔުނައިޓެޑުން މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑުވެސް ފަހު ހާފުގައި ފެނުނު އިރު، އެޓީމުން ލަނޑުޖަހާ ލީޑުނެގީ 47 ވަނަ މިނެޓުގައެވެ. ޖޭޑަން ސަންޗޯ ފަހިކޮށްދިން ފުރުސަތެއްގައި މި ލަނޑު ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ ފްރެޑްއެވެ. ފްރެޑް ފޮނުވާލި ބޯޅަ ގޮސް ގޯލުގެ ތެރެެއަށް ވަނީ ޓޮޓެންހަމްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮހެވެ. މި ލަނޑަށް ފަހުވެސް ޔުަނއިޓެޑުން ރަނގަޅަށް ކުޅެމުންދިޔައިރު، އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ފުޅާކުރީ 69 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މި މޮޅާއެކު ތާވަލުގެ ފަސްވަނާގައި ޔުނައިޓެޑް އޮތީ 10 މެޗުން 19 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ޓޮޓެންހަމް ތާވަލުގެ ތިންވަނާގައި އޮތީ 11 މެޗުން 23 ޕޮއިންޓު ހޯދައިގެންނެވެ. އެއްވަނާގައި އޮތް އާސެނަލްއަށް 10 މެޗުން ލިބެނީ 27 ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް