ހަމަ ގައިމުވެސް ރާނބާ ފަތޭ ބުނުމުން ދިވެހިންނަށް މިއީ އައު އެއްޗަކަށް ނުވާނެ އެވެ. އަބަދުހެން ބަދިގެއިން ފެންނަ ރާނބާ ފަތަކީ ދިވެހިން ޒަމާނުއްސުރެ ގޭތެރޭގައި ގަސް ހައްދައިގެން ގެންގުޅެމުން އަންނަ އަދި ކެއްކުމުގައި ބޭނުން ކުރަމުން އަންނަ ފަތެކެވެ. އޭސިޔާގެ ގިނަ ގައުމުތަކުގައި މި ފަތް ގިނަ ކަންކަމުގައި ބޭނުން ކޮށް އުޅެ އެވެ.
އެހެންނަމަވެސް އެމެރިކާ އަދި އިނގިރޭސިވިލާތަށް މި ފަތަކީ މީގެ ކުރިން މާ މަގުބޫލު، މާ މަޝްހޫރު ފަތަކަށް ވެފައެއް ނުވެ އެވެ. އެހެންނަމަވެސް މިކަން މިވަނީ ކުއްލިއަކަށް ބަދަލުވާން ފަށާފަ އެވެ. މިކަން އެންމެ ބޮޑަށް އެނގިގެންދަނީ މި ހަފްތާގެ ތެރޭގައި ބައިނަލްއަގްވާމީ ބޮޑެތި މީޑިއާތަކުގައި ރާނބާފަތުގެ ވާހަކަ ދައްކާފައިވާލެއް ގިނަ ކަމުންނެވެ. އިނގިރޭސީންނަށް ރާނބާފަތް ކަމުގޮސް އެވޮކާޑޯގެ މައްޗަށް ރާނބާފަތް ހިޔާރު ކުރުން މިހާރު އިނގިރޭސީންގެ މެދުގައި އާއްމުކަމަކަށް ވެފައިވާކަމަށް އެ ހަބަރުތަކުގެ ސުރުހީގައި ބުނެފައި ވެ އެވެ.
އެގޮތުން ޓެލެގްރާފް ނޫހާއި ދަ ގާޑިއަން ނޫސްފަދަ ބޮޑެތި ނޫސްތަކުން ރާނބާފަތުގެ ވާހަކަ ގެނެސްދީފައި ވެ އެވެ. މީ ނޫސްތަކުގައިވާގޮތުން ރާނބާފަތުގެ ވާހަކަ މިހާ ގަދަޔަށް ވައިގައި ހިފައިގެން މިއުޅެނީ ކާނާއާއި ބެހޭގޮތުން ގިނަ ފޮތްތަކެއް ލިޔެފައިވާ އަދި މިހާރުވެސް ކާނާއާއި ބެހޭގޮތުން މަގްބޫލު ޓީވީ ޝޯތަކެއް ހުށަހަޅައިދެމުން އަންނަ ނިގެއްލާ ލޯސަން މި ފަތާއި ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކެއްގެ ސަބަބުންނެވެ.
އޭނާ ބުނެފައިވަނީ އިނގިރޭސީން އެކި ކަންކަމަށް ޒަމާނުއްސުރެ އެވޮކާޑޯ ބޭނުން ކުރަމުން އަންނައިރު އެވޮކާޑޯއަށްވުރެ ރާނބާފަތް އިނގިރޭސީންގެ މެދުގައި މަގްބޫލުވެގެން ދާނެ ކަމުގައި ބެލެވެން ފަށާފައިވާކަމަށެވެ. އަދި އެކަން އަންނަ އަހަރު އެނގިގެންދާނެކަމުގައި ބެލެވޭ ކަމަށެވެ.
ނިގެއްލާ އިތުރަށް ބުނެފައިވަނީ އިނގިރޭސިލާތުގެ ރެސްޓޯރެންޓްތަކުގައި ރާނބާފަތް ރަސްކަން ކުރަން ފަށާފައިވާކަމަށާއި އަދި އެމެރިކާގައިވެސް މި ފަތުގެ މަގްބޫލުކަން އިތުރުވާން ފަށާފައިވާކަމަށެވެ.
ބޭރުގެ ބޮޑެތި މީޑިއާތަކުގައިވާ މި ހަބަރުތަކަށް ބަލާއިރު، ރާނބާފަތުން އުފައްދާ އުފެއްދުންތަކުން އިނގިރޭސީންގެ މެދުގައި އެންމެ މަގުބޫލުވެފައިވަނީ ރާނބާފަތު ކޭކެވެ.
މީގެ އިތުރުން ރާނބާފަތު ޕާނާއި ތަފާތު އެކި ވައްތަރުގެ ފޮނިކާތަކެތި ރާނބާފަތް ބޭނުންކޮށްގެން އިނގިރޭސިވިލާތުގެ ރެސްޓޯރެންޓްތަކުގައި ތައްޔާރު ކުރަމުން އަންނަ ކަމަށް އެ ނޫސްތަކުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް