މިރޭގެ އެއްވުން ރޫޅާލުމާއެކު އެމްޑީޕީ ރަތަށް! ފުލުހުންގެ އަމަލުތައް ކުށްވެރިކޮށް ނޫސްބަޔާން ނެރެފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ފަރާޓުން އިންތިޒާމުކޮށްގެން ޗާންދަނީމަގު ސީގަލް ކަންމަތީގައި ބޭއްވި ސުލްހަވެރި އެއްވުން ފުލުހުން ރޫޅާލުމުން އެމްޑީޕީން އެކަން ކުށްވެރިކޮށް ނޫސްބަޔާނެއ...

20 Oct 2015 | 17:54

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ފަރާޓުން އިންތިޒާމުކޮށްގެން ޗާންދަނީމަގު ސީގަލް ކަންމަތީގައި ބޭއްވި ސުލްހަވެރި އެއްވުން ފުލުހުން ރޫޅާލުމުން އެމްޑީޕީން އެކަން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފި އެވެ.

އެމްޑީޕީން މީގެ ކުޑައިރުކޮޅެއް ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބޭއްވި ސުލްޙަވެރި އެއްވުން ޤާނޫނާ ޚިލާފަށް ފުލުހުން ރޫޅާލައި ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އަޅާފައިވާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރި ކުރާ ކަމަށެވެ.

"މިރޭ ބޭއްވި އެއްވުމާ ގުޅިގެން ޤާނޫނު ނަމްބަރު 1/2013 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤަނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން އެއްވުމުގެ ނޯޓިސް ފުލުހުންނަށް ވަނީ ދެވިފައި، އަދި ފުލުހުންނަށް ދީފައިވާ ނޯޓިސްގައި މުޒާހަރާ ކުރިއަށް ދާނެ ތަނެއް އަންގާފައި ވީނަމަވެސް ފުލުހުން ވަނީ މުޒާހަރާގެ ތެރެއަށް ވަދެ ގަދަ ކަމުން އާންމުން އެ ސަރަހައްދުން ފޮނުވާލަން މަސައްކަތްކޮށްފައި،އަދި ޞުލްޙަވެރި އެއްވުމުގެ ތެރެއަށް ފުލުހުން ވަދެގަނެ އެއްވެސް ޤާނޫނީ ހަމައެއްނެތި އެއްވުމުގައި ބޭނުންކުރަމުން ގެންދިޔަ ސައުންޑް ސިސްޓަމަށް ގެއްލުން ދީ ޤާނޫނާ ޚިލާފަށް އެއްވުން ރޫޅާލާފައިވޭ، އަދި އެއްވުން ރޫޅާލުމުގައި ގަދަބާރުން ރައްޔިތުން ކޮއްޕާ ދުރުކޮށް އަދި މިހާތަނަށް އެކަކު ޤާނޫނާއި ޚިލާފަށް ހައްޔަރު ކޮށްފައިވޭ،އެމް.ޑީ.ޕީގެ މައްޗަންގޮޅީ އުތުރު ދާއިރާގެ ރައީސް އިބްރާހިމް އަހްމަދު މިރޭ ވަނީ ފުލުހުން ހައްޔަރުކޮށްފައި" އެމްޑީޕީގެ ނޫސްބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ފަހަކަށްއައިސް ޞުލްޙަވެރި ސިޔާސީ ޙަރަކާތްތައް ޤާނޫނާ ޚިލާފަށް ހުއްޓުވައި އެއްވެ އުޅުމުގެ މިނިވަންކަމަށް ފުލުހުން އަންނަނީ ތަކުރާރުކޮށް ހުރަސް އަޅަމުން އަންނަ ކަމަށާއި ޕާޓީގެ ފަރާތުން މިކަން ބަލައިދިނުމަށް ތަކުރާރުކޮށް ހިއުމަން ރައިޓްސް ކޮމިޝަނުގައި އެދިފައިވާނެ ކަމަށެވެ. އަދި ސަރުކާރުން އެއްވުންތަކުގެ މިނިވަންކަން ހަނިކުރަމުންދާތީ އެ ކޮމިޝަނާއެކު ބައްދަލުވުމަކަށްވެސް އެދިފައިވާނެ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަމާ ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކަށް ފުލުހުން ތަކުރާރުކޮށް އަރައިގަނަނަމުންދާދިއުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދައިފައިވާ މިފަދަ އަސާސީ ޙައްޤުތައް ހިމާޔަތް ކުރުމަކީ ފުލުހުންގެ ވެސް ވާޖިބެއް ކަމަށާއި ފުލުހުންގެ ޒިންމާއަކީ ޞުލްޙަވެރި އެއްވުންތަކަށް ޖާގަ ދީ އެކަމަށް މަގުފަހިކޮށްދިނުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެ އެވެ.

މިފަދަ ސުލްހަވެރި ސިޔާސީ ޙަރަކާތްތަކަށް ފުރުޞަތުދީ އެކަން ކުރެވޭނެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދަށް ގޮވާލާ ކަމަށާއި އަދި ފުލުހުންގެ މުވައްސަސާއަކީ ވަކި ފަރާތަކަށް ނުޖެހި ރައްޔިތުންގެ ޚިދުމަތުގައި ދެމިއޮވެ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ ތަނަކަށް ހެދުމަށް ގޮވާލާ ކަމަށާއި އަދި ރޭގެ މުޒާހަރާގައި ހައްޔަރުކޮށްފައިވާ އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލާ ކަމަށްވެސް އެމްޑީޕީގެ ސެކްރެޓޭރިއަޓުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް