ނަމުގެ ކުރިއަށް "ގަލްފްކްރާފްޓް" ބޭނުން ނުކުރުމަށް ހާމިދު ސޭޓު އެދިއްޖެ

ނަމުގެ ކުރިއަށް "ގަލްފްކްރާފްޓް" ބޭނުންކުރާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކަން އެ ގޮތަށް ނުކުރުމަށް ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލް (ހާމިދު ސޭޓު) އެދިއްޖެ އެވެ. މީޑިއާ ކި...

20 Oct 2015 | 00:38

ނަމުގެ ކުރިއަށް "ގަލްފްކްރާފްޓް" ބޭނުންކުރާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކަން އެ ގޮތަށް ނުކުރުމަށް ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލް (ހާމިދު ސޭޓު) އެދިއްޖެ އެވެ.

މީޑިއާ ކިބައި ހާމިދު މިކަމަށް އެދިފައިވަނީ ޗައިނާގައި ހުންނަވައިގެން ނެރުއްވި ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އޭނާ ދިރިއުޅުއްވާ މ. ޝުރާމަންޒިލް ބަލާފާސްކުރި މައްސަލައާއި ގުޅިގެން އެކިކަހަލަ ވާހަކަތައް މީޑިއާގައި ފަތުރާއިރު އޭނާގެ ނަމުގެ ކުރިއަށް 'ގަލްފްކްރާފްޓް' ބޭނުންކޮށްގެން ފަތުރަނީ ދޮގު ހަބަރުތަކެއް ކަމަށެވެ.

ގަލްފްކްރާފްޓް މޯލްޑިވްސްއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓް ފޮރިން އިންވެސްޓްމެންޓް ކުންފުންޏެއް ކަމަށާއި އެކުންފުނީގެ މައި ކުންފުންޏަކީ ޔޫއޭއީގެ 'ގަލްފްކްރާފްޓް ޔޫއޭއީ' ކަމަށާއި އަދި އޭނާގެ ނަމުގައި ގަލްފްކްރާފްޓްގެ އެއްވެސް ހިއްސާއެއް ނުވާނެ ކަމަށްވެސް ހާމިދުގެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.

އެ ބަޔާނުގައި ހާމިދު ވިދާޅުވެފައިވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑްގެ އެއްވެސް މަގާމެއްގައިވެސް ނުހިމެނޭކަން ވެސް މައުލޫމާތައްޓަކައި ދެންނަވާ ކަމަށެވެ. އަދި މި މައްސަލާގައި މީޑިއާއިން ގަލްފްކްރާފްޓްގެ ނަން ބޭނުން ކުރަމުން ދިއުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި އެކަން ހަރުކަށިކޮށް ކުށްވެރި ކުރާ ކަމަށްވެސް ހާމިދުގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ހާމިދު އިތުރަށް ބުނެފައިވަނީ ނަމުގެ ކުރިއަށް 'ގަލްފްކްރާފްޓް' ހިމަނައިގެން މީޑިއާތަކުގައި ލިޔެފައިވާ ހަބަރުތަކުން ގަލްފްކްރާފްޓުގެ ނަން ނެގުމަށް ގޮވާލާ ކަމަށެވެ. އަދި ލިޔުމުން ގަލްފް ކްރާފްޓް މޯލްޑިވްސްގެ ކިބައިން މީޑިއާތަކުން މައާފަށް އެދެން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއި ވެ އެވެ.

މީގެ އިތުރުން މީގެ ފަހުން އެކަމަށް ސަމާލުވެ ދެވޭ މައުލޫމާތު ފުރިހަމައަށް ޔަގީން ކުރުމަށްފަހުގައި ނޫނީ ޝާއިއު ނުކުރުމަށް ނަސޭހްތެރިވާ ކަމަށް ވެސް ހާމިދު ވިދާޅުވެފައިވެއެވެ.

ނަމުގެ ކުރިއަށް ގަލްފްކްރާފްޓް ނުލުމަށް ހާމިދު ސޭޓު ބުނެފައިވާއިރު އަދި ގަލްފްކްރާފްޓާ ހާމިދު ސޭޓާ އެއްވެސް ގުޅުމެއް ނުވާކަމަށް ސިފަވާގޮތަށް ބަޔާން ނެރެފައިވީ ނަމަވެސް ގަލްފް ކްރާފްޓްގެ މައި ވެބްސައިޓްގައި ރާއްޖޭގެ ކޮންޓެކްޓަކަށް އިންނަނީ ހާމިދުގެ ނަމެވެ. އަދި ގަލްފް ކްރާފްޓް ވެބްސައިޓްގެ ބްލޮގުގައި ހާމިދަށް މުހާތަބުކޮށްފައި ހުންނަނީ ގަލްފްކްރާފްޓް  ސާވިސް ސެންޓާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރުގެ ގޮތުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް