އާއިލީ ޒިންމާގައި ހޭދަކުރަމުންދިޔަ ދަތި ވަގުތެއްގައި ފުރާނައަށް ނުރައްކާ ވާވަރުގެ ހާދިސާއެއް – ނެތީ ޒިންމާ އުފުލާނެ ފަރާތެއް

މިއީ ބުދަ ދުވަހުގެ ރޭ އީވް ކްލިނިކް ހުންނަ ގޭގެ އިމާރާތުގެ ހަވަނަ ފަންގިފިލާއިން ކުޑަދޮރެއް މަގުމައްޗަށް ވެއްޓި ހަމަ ކިރިޔާހެން މީހެއްގެ ފުރާނަ ސަލާމަތްވި ހާދިސާގެ ވާހަކައެވެ. ހާދިސާގައި އަނިޔާ ލިބުނު...

20 Sep 2024 | 06:36

މިއީ ބުދަ ދުވަހުގެ ރޭ އީވް ކްލިނިކް ހުންނަ ގޭގެ އިމާރާތުގެ ހަވަނަ ފަންގިފިލާއިން ކުޑަދޮރެއް މަގުމައްޗަށް ވެއްޓި ހަމަ ކިރިޔާހެން މީހެއްގެ ފުރާނަ ސަލާމަތްވި ހާދިސާގެ ވާހަކައެވެ.

ހާދިސާގައި އަނިޔާ ލިބުނު ޒުވާނާ ރ. މަޑުއްވަރީއަށް އުފަން އުމުރުން 29 އަހަރުގެ ޒުވާނާ އެރޭގައި 07:10 ހާއިރު އީވް ކްލިނިކް ކައިރީގައި ސައިކަލު ޕާކުކޮށްލި ވަގުތާ، މަތިން ކުޑަދޮރެއް ވެއްޓި އެ ޒުވާނާގެ ބޮލުގައި ޖެހި އަދި އޭނާ އިން ޖީއެން ސައިކަލުގެ ޕެޓްރޯލް ޓޭންކުގައި ޖެހި އެ ކުޑަދޮރުގައި ހުރި ބިއްލޫރިތައް ތަޅައިގެންގޮސް ބުރަބުރައިގެން އެ ޒުވާނާގެ ގައިގެ އެތަން މިތަން ޒަޚަމްވެގެންދިޔަ ހާދިސާގައި އެ ޒުވާނާ ހަނދާން ހުރީ ހަމަ އެކަނި މަތިން އެއްޗެއް ވެއްޓުނު ހަނދާނެވެ. އެމްބިއުލާންސުގައި އައިޖީއެމް ހޮސްޕިޓަލަށް ގެންދިއުމާއި ހަމައަށް އިތުރު ކަމެއް ހަނދާނަކު ނެތެވެ.

ވަޒީފާއިން އާއިލީ ޒިންމާ ޗުއްޓީ އެ ޒުވާނާ ނެގީ އެ ޒުވާނާގެ އުމުރުން ފަސް އަހަރުގެ ދަރިފުޅު އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުންނެވެ. ހަމަ އެކަމުގެ ތެރޭގައި އުޅެނިކޮށް މާބަނޑު އަންހެނުންވެސް އެޑްމިޓް ކުރަން ޖެހި ދެމައިން ގާތުގައި ރެއާދުވާލު ޑިއުޓީ ނަގަމުންގޮސް އަންހެނުން ހޮސްޕިޓަލުން ދޫކޮށްލި ދުވަހު އެ ޒުވާނާ ދިރިއުޅޭ ގެއާ ދިމާއަށް ދިޔައީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ދަރިފުޅަށް ކޮންމެހެން ބޭނުންވާ ބޭހާ ގުޅުންހުރި އާލާތެއް ބަލައެވެ.

އެ ހާދިސާއާއި ގުޅޭގޮތުން ފުލުހުން ރޭގައި ބުނެފައިވަނީ އެ ހާދިސާގައި ބިއްލޫރިގަނޑު ވެއްޓި ސައިކަލެއްގައި ޖެހި ތަޅައިގެން ދިޔަވަގުތު ސައިކަލުގައި އިން މީހާގެ ގަޔަށް ބިއްލޫރިތައް ބުރައިގެން ގޮސް އެމީހާއަށް އަނިޔާ ލިބުނު ކަމަށާއި އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

ދުވަހަށް މައުލޫމާތުދެމުން އާއިލާއިން ބުނެފައިވާގޮތުގައި އެ ޒުވާނާގެ ބޮލަށާއި އަތަށާއި ފައިގެ ފަލަމަސްގަނޑަށް އަނިޔާތައް ލިބިފައިވެއެވެ. އަދި އެ ޒުވާނާ ދުއްވި ޖީއެން ސައިކަލު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ފުލުހުންނާ ހަވާލާދީ އާއިލާއިން ބުނާގޮތުގައި އެ ކުޑަދޮރު ވެއްޓެން ދިމާވީ ކުޑަދޮރުގެ ތަންޑު ފީވެގެންނެވެ.

އާއިލާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވީ އެ ހާދިސާގެ ޒިންމާ ނަގާނެ ފަރާތެއް ނެތުމެވެ. އަދި ގޭގެ ވެރި ފަރާތުން އަނިޔާއާއި ގެއްލުން ލިބުނު ޒުވާނާގެ ހާލުވެސް ބަލާނުލާކަމުންނެވެ.

އާއިލާއިން ބުނިގޮތުގައި މިއަދުގެ ވަގުތެއްގައި އެ އާއިލާއިން އެ ގޭގެ ވެރިފަރާތާވެސް ބައްދަލުކުރިއެވެ. އެހެންނަމަވެސް ޒިންމާ ނެގުމާއި މެދު ގޭގެ ވެރިފަރާތުން އަދި ދައްކަނީ ބަހަނާއެވެ. "އެވަގުތު އެތާނގައި ޕާކުކުރަންވީ ކީއްކުރަންތޯ؟" ގޭގެ ވެރިފަރާތުން އެހިކަމަށްވެސް އާއިލާއިން ބުނެއެވެ.

އެ ގޭގެ ވެރިފަރާތާ ހަވާލާދީ އާއިލާއިން ބުނެފައިވަނީ ހާދިސާގައި މީހަކަށް އަނިޔާއެއް ވިކަމެއްވެސް އަދި ގެއްލުމެއް ލިބުނުކަމެއްވެސް ފުލުހުން އެ ގޭގެ ވެރި މީހާ ގާތަކު ބުނެފައެއް ނެތެވެ. އެހެން ނަމަވެސް ފުލުހުން އައިސް އެ ކޮޓަރި ބަލާ ޗެކު ކުރިއިރު އެފަދަ ކަމެއް ހިނގިކަން އެނގުނު ކަމަށް ގޭގެ ވެރިފަރާތާ ހަވާލާދީ، އަނިޔާވި ޒުވާނާގެ އާއިލާއިން ބުނެއެވެ.

ޒުވާނަކު މަރުގެ އެތިފަހަރަކުން ސަލާމަތްވި މި ހާދިސާގައި އަދި އެ ޒުވާނާގެ ސައިކަލުވެސް ބޮޑު މަރާމާތެއް ކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާއިރު އެ ޒުވާނާގެ އާއިލާއިން އެދެނީ ހާދިސާގެ ޒިންމާ ނަގާނެ ފަރާތެކެވެ. ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެކެވެ. އަދި އެފަދަ ދެވަނަ ހާދިސާއެއް ތަކުރާރުވެ އެހެން މީހަކަށް އެފަދަ ނުރައްކާތެރި ހާދިސާއެއް ދިމާނުވާނެ ގޮތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް