ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރާއިގެ އޮނިގަނޑަށް ގެނެވުނު ބަދަލުގެ ސަބަބުން މިމިނިސްޓްރީގެ ސޯޝަލް ވޯކަރުން ނުވަތަ އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރަ ކުޑަވެ މުވައްޒަފުންގެ މެދުގައި އެކަމާމެދު ކަންބޮޑުވުންތައް ހުރިކަމަށްބުނެ ބައެއް މީޑިއާތަކުގައި އޮޅުންއަރާގޮތަށް ޚަބަރު ފަތުރާކަމަށްބުނެ ޖެންޑަރ މިނިސްޓްރީން އެކަމަށް ރައްދު ދީފިއެވެ.
އެގޮތުން އެ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިޖްތިމާޢީ ޚިދުމަތްތެރިންނަށް މީގެ ކުރިން އިތުރު ގަޑީގެ ފައިސާއާއިއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 15,000 ރުފިޔާ ކަމަށާއި އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރަ ގާތްގަނޑަކަށް 67% ކުރިއެރުމެއް ގެނެސް، އިތުރު ގަޑީގެ ފައިސާއާއި ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެ ގޮތަށް ވަނީ ކަނޑައަޅާފައިކަމަށެވެ.
"ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން އިޖްތިމާޢީ ޚިދުމަތްދިނުމުގެ ދާއިރާގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ އުޖޫރައާމެދު ޒާމާނުއްސުރެ އޮތް ކަންބޮނޑުވުމަށް ހައްލު ގެނެސްދިނުމަށްޓަކައި އިޖްތިމާޢީ ޚިދުމަތްތެރިންގެ ޕްރޮފެޝަނަލް އޮނިގަނޑެއް އެކުވަލާއި 01 މެއި 2023 ވަނަ ދުވަހު މިސަރުކާރުން ވަނީ އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރައަށް ހެޔޮބަދަލުތަކެއް ގެނެސްދެއްވާފަ، މިބަދަލާއިއެކު، އިޖްތިމާޢީ ޚިދުމަތަކީ ޕްރޮފެޝަނަލް މިންގަނޑުން ގިންތި ކުރެވޭ ފަންނީ ދާއިރާއެއްގެ ގޮތުގައި ބަލައިގަނެ ކަނޑައެޅިގެން ދިއަ" މިނިސްޓްރީން ބުނެފައިވެއެވެ.
އިތުރަށް ތަފްސީލުކޮށްދެއްވަމުން އެ މިނިސްޓްރީން ބުނެފައިވަނީ މިމިނިސްޓްރީގައި އިޖްތިމާޢީ ޚިދުމަތްތެރިންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޕޭ ހާމަނައިޒްކުރެވި އައު އޮނިގަނޑަށް ހިޖުރަކުރުމާއިއެކު މިދާއިރާގައި މަސައްކަތްކުރަމުންދާ 137 މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް ގެނެސްދެވުނު ކަމަށާއި އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރައަށް މިގެނެވުނު ހެޔޮ ބަދަލާއެކު ސިވިލް ސަރވިސް ކޮމިޝަންގެ ޖީ.އެސް ރޭންކް ހަތަރެއްގައި މަސައްކަތްކުރާ 33 މުވައްޒަފުންވަނީ ޕަބްލިކް ސަރވިސް ރޭންކް ފަހަކަށް ހިޖްރަކުރެވިފައި ކަމަށެވެ. ޕަބްލިކް ސަރވިސް ރޭންކް ފަހެއްގައިވާ މުވައްޒަފުންގެ ތެރެއިން މިހާރު މިދާއިރާއިން މަތީތަޢުލީމް ހާސިލްކުރަމުންދާ 10 މުވައްޒަފުންނަށް ޕްރޮފެޝަނަލް ސަނަދެއް ހާސިލްކުރުމާއިއެކު ވަޒީފާގެ ކުރިއެރުން ލިބިގެންދާނޭކަމަށާއި އަދި މިރޭންކުގައި ބާކީތިބި 23 މުވައްޒަފުންނަށް ދާއިރާގެ ސަނަދެއް ހާސިލް ކުރުމުން ޕޭ ހާމަނައިޒްކުރެވި އައު އޮނިގަނޑަށް ފެތިގެންދާނޭކަމުގައިވެސް ބުނެފައިވެއެވެ.
މިނިސްޓްރީން ބުނެފައިވަނީ މިގެނެވުނު ބަދަލާއިއެކު އިޖްތިމާޢީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިދާއިރާއިން ކުރިއަށް ދިއުމަށާއި، ދާއިރާގައި ދެމިތިބުމަށާއި އަދި ދާއިރާއިން ކުރިމަގެއް ބިނާކުރުމަށް ހުޅުވިގެންދިޔަ ފަހި ފުރުސަތެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް