ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނަށް ރައީސް އިބްރާހިމް ސޯލިހްއަށް ނުލިބުނު ކުއްޅަވަށް މޮހީޓޯ، އެ މޮހީޓޯއަށް މަޝްހޫރު ނ.ލަންދޫއިން މިއަދު އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ދެއްްވައިފިއެވެ.
މިމަރުހަބާ މުއިއްޒުއަށް ކިޔާފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ދެވަނަ މަންޒިލެއްގެ ގޮތުގައި މިއަދު ލަންދުއަށް ވަޑައިގަތުމުންނެވެ.
ލަންދުއަށް އަރާ މެހެމާނުންނަށް ކުއްޅަވަކުގެ އުފެއްދުންތަކުން މަރުހަބާ ކިޔުމަކީ އެ ރަށުގެ ރައްޔިތުންނަށް ވެސް ލިބޭ ވަރަށް ބޮޑު ފަހުރެކެވެ.
އެގޮތުން ލަންދޫގެ މީހުން ބުނާ ގޮތުގައި އެ ރަށަށް "ފީ ކުއްޅަވަކު" ގެ ނަމުން ނަން ދީ މަޖާޒީ ގޮތަކަށް ޒަމާނުންސުރެ މުހާތަބުކޮށް ހަދާ ކަމަށާއި އެހެންނަމަވެސް މިއަދު އެ ނަމަކީ އެ ރަށުގެ ފަހުރެއް ކަމަށެވެ.
ރައީސް ސޯލިހް މީގެ ކުރިން އެ ރަށަށް ވަޑައިގެންނެވިއިރު ކުއްޅަވަކުގެ މޮހީޓޯ އިން މަރުހަބާ ކިޔާފައި ވާއިރު މިދިޔަ މަހު 14 ގައި އިންތިހާބުގެ ފުރަމަށް ބުރުގެ ކެމްޕޭނަށް އެ ރަށަށް ކުރެވި ދަތުރުފުޅުގައި އެފަދަ ބުއިމަކަށް އުންމީދު ކުރެއްވި ނަމަވެސް ލިބިވަޑައި ނުގެންނެވި ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑު ހީކުރީ މިއަދު ކުއްޅަވަށް މޮހީޓޯއެއް ލިބޭނެ ކަމަށް، އެހެންނަމަވެސް އަޅުގަނޑުމެން ފުރަަތަމަ މި ރަށަށް އައި ދުވަހު ލިބުނު" މިފަދައިން ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.
މުއިއްޒު އަށް މަރުހަބާ ކިޔުމުގެ ގޮތުން ކޮންމެ ރަށެއްގައިވެސް ތަފާތު ގޮތަކަށް މުއިއްޒުގެ ސަޕޯޓަރުން މަސައްކަތް ކުރާއިރު އެ ރަށަކަށް ލިބިފައިވާ ލަގަބު ނުވަތަ ހާއްސަވާ ކަންކަމަށް ބަލައިގެންވެސް މަރުހަބާ ކިޔުމަށް އިސްކަންދީފައިވެއެވެ.
މި ދަތުރުފުޅުގައި މުއިއްޒު ވަޑައިގަންނަވާނީ ނ، ރ، ބ އަދި ޅ އަތޮޅަށް ކަމަށެވެ. މި ދަތުރު ފަށައިފައިވަނީ މިއަދަށް ވާއިރު، މިހާރު މުއިއްޒު ވަނީ ނ އަތޮޅުގެ ބައެއް ރަށްރަށަށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް