ލ. ގަން ޕޮލިސް ސްޓޭޝަނުން އެ ރަށުގައި ވޯކް އެންޑް ޓޯކް ހަރަކާތަކާއި އެކި މުއައްސަސާތަކާއި، ވިޔަފާރިތަކުގައި ދަންވަރު ޑިއުޓީ އަދާކުރާ ސެކިއުރިޓީ އޮފިސަރުންނާ ބައްދަލުކޮށް މައުލޫމާތުދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނާ ގޮތުގައި އިއްޔެ ވަނީ މިހަރަކާތުގެ ތެރެއިން ރަށުގެ ގޭބިސީތަކަށާއި ފިހަރާތަކަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި ޕާކުތަކާއި ރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށްފައިވާކަންވެސް ފުލުހުން ބުނެއެވެ.
އެގޮތުން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަން ފާހަގަކޮށް މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އަވައްޓެރި ފުލުހުންގެ ފަލްސަފާގެ ތެރެއިން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭގޮތަށް ފުލުހުންގެ މަސައްކަތްތައް ރޭވިފައިވާކަން ރައްޔިތުންނަށް އޮޅުންފިލުވައިދީފައިވެއެވެ.
https://twitter.com/PoliceMv/status/1704397297852072034
ހަމައެފަދައިން، މަކަރާއި ހީލަތުން ފައިސާހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި ފިހާރަތަކުން ކުރާ ވައްކަންތަކުން ރައްކާތެރިވުމަށާއި ރަށުތެރޭގައި އާންމުވެފައިވާ ކުށްތަކާއި އެފަދަ ކަންކަމުން ރައްކާތެރިވާނެގޮތުގެ މައުލޫމާތު ފުލުހުން ހިއްސާކޮށްފައިވެއެވެ.
ހަމައެއާއެކު ފުލުހުންގެ މަސައްކަތްތަކާއި މި މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުމާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ. ހަމައެހެންމެ ފުލުހުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުން ފާހަގަކޮށް ރައްޔިތުންނަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުއަދާކޮށްފައިވެސް ވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރަށް، ގަން ޕޮލިސް ސްޓޭޝަނުން ރޭ ދަންވަރު ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި، އިމާރާތްތަކުގެ ސެކިއުރިޓީ ބަލަހައްޓަންތިބި ސެކިއުރިޓީ އޮފިސަރުންގެ ގާތަށް ޒިޔާރަތްކޮށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
https://twitter.com/PoliceMv/status/1704425909711736853
އެގޮތުން، ޑިއުޓީގައި ތިބޭއިރު އަމިއްލަ ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީފައިވެއެވެ. އަދި އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އިސްކަންދޭންޖެހޭ ކަންތައްތަކާއި އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި ހަރަކާތުގައި ވަނީ ޑިއުޓީގައި ވަގުތުތަކުގައި ދިމާވާ ކަންކަން ނޯޓުކޮށް ފުލުހުންނާ ހިއްސާކުރަންޖެހޭ ކަމެއް ދިމާވެއްޖެ ހާލަތުގައި އަމަލުކުރާނެގޮތްތައް ބުނެދީފައިއެވެ. އަދި ޑިއުޓީ ވަގުތުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާނެ ގޮތްތައް ބުނެދީފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން، މުކުރިމަގު ސުކޫލް، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް، ޔޫތު ސެންޓަރ، ގަމު ކައުންސިލް އިދާރާ، އެމްއެންޔޫ ގަން ކެމްޕަސް އަދި މުކުރިމަގު އަވަށު ހައުސިންގ ޔުނިޓް ސަރަހައްދަށް ޒިޔާރަތްކޮށް ދަންވަރު ސެކިއުރިޓީ ބަލަހައްޓަންތިބި އޮފިސަރުންނާ ބައްދަލުކޮށްފައިވެއެވެ. މީގެ އިތުރުން އެމްޓީސީސީ އޮފީސް، ނޫފަރު ހަކަތަ ޕެޓްރޯލް ޝެޑް، މާތުނޑީ ފިއުލް ޕެޓްރޯލް ޝެޑްގެ އިތުރުން ދިރާގު އޮފީހަށްވެސް މި ހަރަކާތުގެ ތެރެއިން ޒިޔާރަތްކޮށް ސެކިއުރިޓީ އޮފިސަރުންނާ ބައްދަލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހިއްސާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް