މުޖުތަމަޢެއް ބިނާކުރުމަށް ލިޔުންތެރިންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި، ލިޔުންތެރިކަން ފުޅާދާއިރާއެއްގައި ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށްއޮތްތަނުގައި ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް" ގެ ދަށުން ނެރުއްވާ ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްއެންޔޫގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ލިޔުންތެރިކަމަކީ އެބައެއްގެ ޢިލްމީ މުއްސަނދިކަން ފެތުރުމަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަން ފާހަގަ ކުރައްވާފައެވެ.
އަދި އެދާއިރާއިން ފުރުޞަތު ފަހިކޮށްދެއްވުމަށް ޤައުމީ ޔުނިވަރސިޓީން "ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް" ފެއްޓެވިކަމަށްޓަކައި އެމަނިކުފާނު ވަނީ ޤައުމީ ޔުނިވަރސިޓީއަށް ޝުކުރުއަދާކުރައްވާފައި ކަމަށް ރައިސުލްޖުމްހޫރިއްޔާ އޮފީހުން ބުނެއެވެ.
މީގެ އިތުރަށް، މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ވާހަކަ ދައްކާއިރު ދިވެހި ބަސް އޭގެ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ބާރުއަޅުއްވާފައެވެ. އެބައެއްގެ މާދަރީބަހަކީ އެބައެއްގެ އަސްލު އަންގައިދޭ ސިފައެއްކަން ފާހަގަކުރައްވައި ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ.
"ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް" ގެ ދަށުން މި އަހަރު 3 ލިޔުންތެރިން ވަނީ ފޮތް ނެރުއްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ 'އެމްއެންޔޫ ފޮތް މައުރަޒު' ހުޅުވައިދެއްވައި މި މައުރަޒު ބައްލަވައިލައްވާފައެވެ.
'އެމްއެންޔޫ ފޮތް މައުރަޒު' ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހަށް ޔުނިވަރސިޓީގެ މައިމަރުކަޒުގައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެކެވެ. މި އަހަރު 23 ފަރާތަކުން މި މައުރަޒުގައި ވަނީ ބައިވެރިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް