ރިޔާސީ އިންތިހާބާ ގުޅިގެން، ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަމަށް ޝަރުތުކޮށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ ކަންބޮޑުވުން އެބަހުރ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމްއިން މިހެން ބުނެފައި ވަނީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މޮނިޓަރ ކުރުމުގެ ތެރެއިން ފާހަގަ ކުރެވިފައިވާ މުހިއްމު ކަންކަމާ ގުޅޭގޮތުން އާއްމުކުރި ނޫސް ބަޔާނެއްގައެވެ.
އެޗްއާރްސީއެމްއިން ބުނީ، އެމީހަކު އިޚްތިޔާރު ކުރާ ކެންޑިޑޭޓަކަށް މިނިވަންކަމާއެކު ނުފޫޒުން އެއްކިބާވެހުރެ ވޯޓު ދިނުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ.
އެހެންނަމަވެސް، ވޯޓަށް ނުފޫޒު ފޯރުވުމަށް، ބައެއް ފަރާތްތަކުން ވޯޓު ގަންނަމުންދާކަމަށް މީޑިއާގައި ދައުރުވަމުންދާ މަޢުލޫމާތާއި، އަދި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަމަށް ޝަރުތުކޮށް ވަޒީފާ ދިނުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި އަދި ވަކި ކެންޑިޑޭޓަކަށް ތާއިދުކުރުމުގެ ސަބަބުން، ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން މީސް މީޑިއާގައި ފާޅުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"މިފަދަ ކަންކަން ހިނގާ ދިއުމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަން. ހަމަމިއާއެކު، ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ތައް މެދުވެރިކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ކެމްޕެއިންގެ ކަންކަމަށް ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުތައް އަޑުއިވެމުން ދިއުމަކީ ވެސް ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއްކަމުން، މިކަންކަން ކަމާގުޅުންހުރި މުއައްސަސާތަކުން ތަހުޤީޤު ކޮށްދެއްވުމަށް ގޮވާލަން" އެޗްއާރްސީއެމްއިން ބުންޏެވެ.
މީގެ އިތުރުން އެޗްއާރްސީއެމްއިން ބުނީ، ކެމްޕެއިން ކުރުމުގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ރިޝްވަތު ދިނުމާއި ކެމްޕެއިންގެ ޚަރަދުތައް ދެފުށްފެންނަ ގޮތެއްގައި ހާމަނުކުރުމަކީ މީގެކުރީގެ އިންތިޚާބުތަކުގައިވެސް ފާހަގަކުރެވިފައިވާ ކަންކަން ކަމަށެވެ.
ޤާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މިކަންކަމަށް އެންމެ ފުރިހަމަ ހައްލުހޯދުމަށް ގޮންޖެހުން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި މިކަންކަން ހައްލުކުރުމަށް ކަމާ ގުޅުންހުރި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެ ކޮމިޝަނުން މީގެކުރިން ވެސް ވަކާލާތުކޮށްފައި ވާނެ ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.
އެހެންކަމުން، ޤާނޫނީ ނިޒާމަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، 30 ވަނަ މާއްދާގެ ދަށުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤާއި އަދި 32 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.
އެހެންނަމަވެސް، ކެމްޕެއިން ހަރަކާތްތަކާ ގުޅިގެން އާންމު ފަރާތްތަކުންނާއި ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ސުލްހަވެރި އެއްވުންތައް ބައެއް ޙާލަތްތަކުގައި ޤާނޫނީ އިމުގެ ބޭރުން ދިވެހި ފުލުހުންގެ ޚިދުމަތުން ރޫޅާލާކަމާއި އަދި ބައެއް ހާލަތްތަކުގައި ކެމްޕެއިން ކުރާ ފަރާތްތަކަށް ކެމްޕެއިން ކުރުމަށް ޖާގަނުދީ އެފަރާތްތަކަށް ހުރަސް އެޅުމަށް ކުރާ ކަންކަން ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފިޔަވަޅު އަޅާފައިނުވާކަމުގެ ޝަކުވާތައް މީސް މީޑީއާތަކުން ފާހަގަކުރެވެމުން ދިއުމަކީ އެ ކޮމިޝަނުގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.
އަދި އިންތިޚާބު މޮނިޓަރ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރެވޭ މިފަދަ މައްސަލަތަކުގައި ކަންހިނގާފައިވާ ގޮތް ބަލަމުންދާ ކަމުގައި އެ ކޮމިޝަނުން ބުންޏެވެ.
"ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤާއި، އެއްވެއުޅުމުގެ މިނިވަންކަން ޤާނޫނާއަސާސީއިން ލިބިދޭ އެންމެ ފުޅާ މިންވަރަށް ލިބިދޭކަން ކަށަވަރުކޮށްދިނުމަށް އެދި ކަމާ ގުޅުންހުރި އިދާރާތަކަށް އިލްތިމާސްކުރަމެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅުގައި، އެއްވެސް ފަރާތްތަކުން ކެންޑިޑޭޓުންނަށް ލިބިފައިވާ ކެންޕެއިން ކުރުމުގެ ޙައްޤަށް ހުރަސް ނޭޅުމަށް އެޗްއާރްސީއެމްއިން ގޮވާލިއެވެ.
ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ކޮންމެ މީހަކަށްވެސް ކެންޑިޑޭޓެއް އިޚްތިޔާރުކުރުމަށްޓަކައި ސިޔާސީ ހަރަކާތްތަކާއި ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވުމާއި ކެންޑިޑޭޓުންނާއި އަދި ކެންޑިޑޭޓުން ތަމްޞީލުކުރާ ފަރާތްތަކާ ބައްދަލުކޮށް މުޢާމަލާތްކުރުމުގެ ފުރުޞަތު ލިބުމަކީ މުހިއްމުކަމެއްކަން ފާހަގަކޮށް އެޗްއާރްސީއެމްއިން ބުނީ، ޕާޓީތަކަށް ނިސްބަތްވާ ބައެއް ފަރާތްތަކާއި އަދި އެ ފަރާތްތަކަށް ތާއީދު ކުރާ ބައެއް ފަރާތްތަކުންވެސް އެންޓި-ކެމްޕެއިން ކުރުމަށްޓަކައި އެކަކު އަނެކަކުގެ އަބުރަށް އަރައިގަތުމާއި، ފުރައްސާރަކުރުން ފަދަ ނޭދެވޭ ޢަމަލުތައް ކުރަމުންދާކަން އެ ކޮމިޝަނުގެ މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ބައެއް ޙާލަތްތަކުގައި ޖިސްމާނީ ގޮތުން ގެއްލުން ލިބިދާނެފަދަ ކަންކަން ކުރުމަށް މަސައްކަތް ކޮށްފައިވާކަންވެސް އެޗްއާރްސީއެމްއިން ފާހަގަ ކުރިއެވެ.
"ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ އެހެން ކެންޑިޑޭޓަކާ ބެހޭގޮތުން ޝުޢޫރު ފާޅުކުރުމަށްޓަކައި، ބިނާކުރަނިވި ގޮތެއްގައި ފާޑުކިއުމަށާއި އަދި ނަޒާހަތްތެރިކަމާއެކު ކެމްޕެއިންކުރުމަށް އިސްކަން ދެއްވާ، އަނެކާގެ އަބުރާ އިއްޒަތަށް އަރައި ނުގަތުމަށާއި އަދި ނަފްރަތު އުފެދޭ ވާހަކަތައް ނުދެއްކުމަށް މި ކޮމިޝަނުން ހުރިހާ ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންނަށް އިލްތިމާސްކުރަން" އެޗްއާރްސީއެމްއިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް