ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ރައީސް ސޯލިހުވެސް ވައުުދުވެވަޑައިގެންފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވައުުދުވެވަޑައިގެންފިއެވެ. ރޭ އެމްޑީޕީގެ ފަރާތުން ގަލޮޅުގައި ކުރިއަށް ގ...

20 Sep 2023 | 10:01

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވައުުދުވެވަޑައިގެންފިއެވެ.

ރޭ އެމްޑީޕީގެ ފަރާތުން ގަލޮޅުގައި ކުރިއަށް ގެންދިޔަ ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ހައުސިންގް ސްކީމުގެ ތެރެއިން، ބޯހިޔާވަހިކަގާ ގުޅޭ ވައުދުތަކެއް ހުންނާނެކަން ކަމަށާއި، އެގޮތުން ކަސްޓަމްސް އާއި ޔުނިވާސިޓީއާއި އަދި ކަރެކްޝަންސް ފަދަ ތަންތަނުގައި މަސައްކަތް ކުރާ މީހުންނަށް ފްލެޓް ދިނުން ހިމެނޭ ކަމަށެވެ.

އެއީ އެއްބަސްވެފައި ހުރި ކަންތައްތައްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ކަސްޓަމްސްގައި މަސައްކަތް ކުރާ މީހުންނަށް ފްލެޓްތަކުގެ ލިސްޓް ހަވާލު ކޮށްފައިވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެތެރޭގައި ޔުނިވަސިޓީއާ ކަރެކްޝަންސްގާ މަސައްކަތް ކުރާ ފަރާތްތަކަށް ދޭން އަޅުގަނޑުމެން ވީ ވައުދުތަކާ އެއްގޮތަށް، އެ ފްލެޓްތައްވެސް އިރާދަކުރެއްވިއްޔާ އެ ލިޔުންތައް ހަވާލު ކުރުން" ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ، ގެއިން ގެއަށް ކުރާ ޒިޔާރަތުގައި އަންނަ އަނެއް ޝަކުވާ އަކީ، ވިނަރެސް ފްލެޓަތަކުގެ ޑައުންޕޭމެންޓާއި ކުލީގެ ވާހަކަ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން، ލަސްތަކެއް ނުވެ ވިނަރެސް ފްލެޓްގެ ޑައުންޕޭމަންޓް ކުޑަކޮށް، ކުއްޔަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވިނަރެސް ފްލެޓްތައް ހިމެނޭހެން ސަރުކާރު ކުންފުނިތަކަށް އަޅާފައިވާ ފްލެޓް ތަކުގެ ކުލި ކުޑަކޮށްދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.

މުއިއްޒު މިހެން ވިދާޅުވީ، މިދިޔަ ބުދަ ދުވަހުގެރޭ މާވެޔޮ މަގުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، ވިނަރެސް އަކީ ކުރީގެ ސަރުކާރުން ފެށި މަޝްރޫއެއް ކަމަށާއި، އޭރު އެމަނިކުފާނު ހުންނެވީ ހައުސިންގް މިނިސްޓަރުގެ މަގާމުގައި ކަމަށް ވުމުން، އެ މަޝްރޫއުގެ ހުރިހާ އަގުތަކަކާއި ތަފްސީލުތައް އެނގިވަޑައިގަންނަވާ ކަމަށެވެ.

ވިނަރެސްއަށް ޑައުންޕޭމަންޓް ދައްކުމަށްފަހު މަހުންމަހަށް ކުލި ދައްކާގޮތަށް ހެދީ މި ސަރުކާރުންކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އެވަރުގެ ބޮޑު އަގެއް ނުނެގި ނަމަވެސް އާބަންކޯއަށް ފައިދާ ވާނެ ކަަމަށެވެ.

އޭގެ އިތުރުން ސަރުކާރު ކުންފުނިތަކުން އަޅާފައިވާ ކުލިވެސް ބޮޑުކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ހިންގާ އެފަދަ މަޝްރޫއުތަކުގެ އަގު އެހާ ބޮޑުވެގެން ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނަށް ވެރިކަމަށް އާދެވިއްޖެ ނަމަ އެހާ އަނިޔާވެރި ނުވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް