"ޓިއުޝަން ދެމެވެ". މި ކުރު ލިޔުންކޮޅު އަރާހެން ޑރ. މުހައްމަދު ޝަހީމްއާއި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނަގާފައިވާ ފޮޓޯއެއް ޝަހީމް އާއްމު ކުރެއްވީ އެއްވެސް ކެޕްޝަންއެއް ނެތިއެވެ. ފޮޓޯގެ ފަހަތުގައި އިން އެ ލިޔުންކޮޅު ލޮލުގައި އަޅައިގަތީ ހުއްޓުމެއްނެތި މީހުން ކުރަމުން ދިޔަ ކޮމެންޓްތަކުގައި އެބުނާ އެއްޗެއް ސާފު ނުވާތީއެވެ.
'އިސްލާމް އެންޑް ހިސާބު' ކަމަށް ބުނެ މީހުން ކޮމެންޓް ކުރަން ފެށުމުން މި ވާ އެއްޗެއް ރޭކާލިއެވެ. ހަމަ ހަގީގަތުގައިވެސް އެ ފޮޓޯއަކަށް ކެޕްޝަނެއް ބޭނުމެއް ނުވާނެއެވެ. ދިވެހިން އެއަށްވުރެ ކުޅަދާނަ ވެއްޖެއެވެ.
'ހިސާބު ސަރ' ގެ ނަމުން ދިވެހިން ގޮވާއިރު، އަދުރޭވެސް ވަނީ މިފަހުން އެ ސަކަރާތުގައި ބައިވެރިވާން ފަށާފައެވެ. ކުރީގެ ރައީސް ޔާމީނާއެކު ބޭއްރި ކެމްޕޭން ޖަލްސާއެއްގައި އަދުރޭ ހިސާބެއް ޖައްސަވައި ދެއްކެވި ވާހަކަތަކާ ގުޅިގެން އާއްމުން އަދުރޭއަށް 'ހިސާބު ސަރ'ގެ ލަގަބު ދިނީއެވެ. އަދި މި އިންތިހާބުގެ ތެރޭގައި އެ އަޑު ގަދަވާން ފެށީއެވެ.
އެގޮތުން އިންތިހާބުގެެ ފުރަތަމަ ބުރަށް ކެމްޕޭން ކުރަމުން ދިޔައިރު، ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ވޯޓުލާ ވާހަކަ ވިދާޅުވާން އުޅުމުގެ ތެރޭގައި އަދުރޭއަށް އޮޅިގެން ފުރަތަމަ ވިދާޅުވެވުނީ ސެޕްޓެމްބަރު ހަތަރުވަނަ ދުވަސް ކަމަށެވެ. ނަމަވެސް ކައިރީގައި ތިއްބެވި ބޭފުޅުން ވަނީ އެ ކުށް އިސްލާހު ކޮށްދީފައެވެ.
‘އިބޫއަސްލަމް’ ކެމްޕޭންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ދީދީއަށް އޮޅިގެން ވިދާޅުވެވުނީ ސެޕްޓެމްބަރު ތިންވަނަ ދުވަހު ވޯޓުލާނި ކަމަށެވެ. އެހެންކަމުން ރިޔާސީ ބަހުސްގައި އެ ދެބޭފުޅުން ކައިރިކައިރީގައި ތިއްބެވިތަން ފެނުމުން މީހުން އަނެއްކާވެސް ޖޯކު ޖަހަން ފެށިއެވެ. އަދި މާރިޔާވެސް އެކަމުގައި ބައިވެރި ވެލެއްވިއެވެ. އެގޮތުން އެ ފޮޓޯ ޓުވީޓު ކުރައްވައި މާރިޔާ ވިދާޅުވީ ހިސާބު ހޯމްވޯކް ހައްދަވަނީ ކަމަށެވެ.
އޭގެ ފަހުން ހަމަ އެ ފޮޓޯއާ ގުޅިގެން އަދުރޭ ވިދާޅުވެފައި ވަނީ، ސިޔާސީ ހިސާބު ޖަހާނެގޮތް މާރިޔާއަށް ކިޔައިދިނިން ކަމަށެެވެ.
އިންތިހާބުގެ ފުރަތަމަ ބުުރުގެ ކުރިން، އަދުރޭ ވަނީ ލަފާކުރެވޭ ހިސާބެއް ޖައްސަވައި، އިންތިހާބުގެ ނަތީޖާ ވިދާޅުވެފައެވެ. ކަން ދިމާކުރި ގޮތުން ނަތީޖާ ނުކުތީ އަދުރޭ ލަފާކުރެއްވި ގޮތަށެވެ. އެހިސާބުން އެންމެންވެސް އަދުރޭއަށް ތައުރީފު ކުރަން ފެށިއެވެ. އަދި އދ. މަހިބަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި އެރަށު މީހުން ވަނީ އަދުރޭ އަށް ޑރ ގެ ލަގަބު ދެއްވައި، އެއީ ހިސާބު މުދައްރިސްކަން ގަބޫލު ކުރާ ކަމަށް ބުނެފައެވެ.
ކޮންމެއަަކަސް، ސިޔާސީ މި ހަލަބޮލި ދުވަސްވަރު، އަދުރޭއާއި ހިސާބުގެ ވާހަކަ ދައްކާއިރު އެއްކޮޅު މީހުންނާއި އިދިކޮޅު މީހުންގެ މޫނުމަތިން ރުޅިވެރިކަމެއް ނުފެނެއެވެ. އެއާ ހިލާފަށް އެ ވާހަކަ ދައްކަނީ މަޖަލަކަށް ހަދައިގެންނެވެ. އެހެންކަމުން ޑރ. ޝަހީމްއާއި އަދުރޭ ހިސާބު ޓިއުޝަން ފެށީއެއް ނޫންކަން ފަހުން ޔަގީން ކުރެވުނެވެ. އެއީ "މީމް" އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް