އެކުގައި ތިބިކަމަށް ބުންޏަސް އެމްޑީޕީގެ ޕޯޑިއަމުން އެމްޑީއޭ ގެއްލިއްޖެ!

އެމްޑީޕީއާ އެކުގައި ތިބިކަމަށް އެމްޑީއޭއިން ބުނި ނަމަވެސ،ް އެމްޑީއޭގެ ލީޑަޝިޕްގެ ބޭފުޅުން އެމްޑީޕީގެ ޕޯޑިއަމުން 'ގެއްލެން' ފަށައިފިއެވެ. އެމްޑީޕީއިން ރިޔާސީ އިންތިހާބަށް ނުކުތީ އެމްޑީއޭ އާއި އަދާލަތާއ...

19 Sep 2023 | 22:54

އެމްޑީޕީއާ އެކުގައި ތިބިކަމަށް އެމްޑީއޭއިން ބުނި ނަމަވެސ،ް އެމްޑީއޭގެ ލީޑަޝިޕްގެ ބޭފުޅުން އެމްޑީޕީގެ ޕޯޑިއަމުން 'ގެއްލެން' ފަށައިފިއެވެ.

އެމްޑީޕީއިން ރިޔާސީ އިންތިހާބަށް ނުކުތީ އެމްޑީއޭ އާއި އަދާލަތާއެކު ހެދި ކޯލިޝަނަކާ އެކީގައެވެ. އިންތިހާބުގެ ފުރަތަބަ ބުރުގެ ކުރިން ރައީސް ސޯލިހު އަތޮޅުތެރެއަށް ކުރެއްވި ހުރިހާ ދަތުރުފުޅެއްގައިވެސް އެމްޑީއޭގެ ލީޑަޝިޕުން ވަނީ ބައިވެރިވެފައެވެ. އަދި އެ ޕާޓީގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ހިމެނިވަޑައިގަންނަވާހެން، ލީޑަޝިޕްގެ ބޭފުޅުން ދިޔައީ އެމްޑީޕީގެ ޖަލްސާތަކުގައި ފޯރިއާއެކު ވާހަކަ ދެއްކަވަމުންނެވެ.

ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރަށްފަހު މަޑުމަޑުން އެމްޑީއޭ ފަނޑުވަމުން ގޮސް، އެމްޑީޕީ ކޯލީޝަނުން ވަކިވުމާއިމެދު އެމްޑީއޭއިން ގޮތެއް ނިންމަން ތައްޔާރު ވެއްޖެ ކަމަށް ވެސް އަޑު ފެތުރުނެވެ.

ނަމަވެސް އެކަމަށް ރައްދު ދީ އެ ޕާޓީން ބުނެފައި ވަނީ، އެ ޕާޓީން އަދިވެސް 'ގަދަކޮށް' ތިބީ އެމްޑީޕީއާ އެކުގައި ކަމަށެވެ.

އެމްޑީޕީއިން ރޭ ގަލޮޅުގައި ބޭއްވި ޖަލްސާގައިވެސް އެމްޑީޕީގެ ގިނަ އަދަދެއްގެ މީހުންނާއި އަދާލަތުގެ ފަރާތުންވެސް ވާހަކަ ދެއްކި އިރު، އެމްޑީއޭގެ ލީޑަރޝިޕްގެ އެއްވެސް ބޭފުޅަކު އެ ޖަލްސާގައި ވާހަކަފުޅެއް ނުދައްކަވައެވެ.

އަދި އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެމްޑީޕީއިން ބޭއްވި ފުރަތަމަ ޖަލްސާގެ ކުރީ ސަފުންވެސް އެމްޑީއޭގެ ލީޑަރޝިޕްގެ ބޭފުޅަކު ފެނިފައެއް ނުވެއެވެ. އަދި އެ ޖަލްސާގައި އެ ޕާޓީގެ ފަރާތުން އެއްވެސް ބޭފުޅަކު ވާހަކަ ދައްކާފައެއްވެސް ނުވެއެވެ.

އެއާ ޚިލާފަށް އަދާލަތު ޕާޓީގެ ފަރާތުން ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދެއްކެވި އިރު، ދެން އެ ބައްދަލުވުމުގައިވެސް ވާހަކަ ދައްކަވާފައި ވަނީ ހުސް އެމްޑީޕީގެ މެމްބަރުންނެވެ.

އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކޮށް އެ ޕާޓީއާކު ކޯލީޝަން ހެދުމަށް އެމްޑީއޭއިން ނިންމާފައި ވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ.

އޭރު އެ ޕާޓީން ބުނެފައިވަނީ މި ނިންމުން މިމަގުން ނިންމާފައިވަނީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ދިވެހި ރާއްޖޭގެ ޕޮލިޓިކަލް ސްޓެބިލިޓީ ގާއިމުކުރުމަށްޓަކައި އެ ޕާޓީގެ ކައުންސިލުން މިއަދު ބައްދަލުކުރުމަށްފަހުގައި ކަމަށެވެ.

“ނިންމާފައިވަނީ ރައީސް ސޯލިހަށް އިތުރު ދައުރެއް ދިނުމަށް މަސައްކަތް ކޮށްދިނުމަށްޓަކައި އެމްޑީޕީއާއެކު ކޯލީޝަން ހެދުމަށް” އެމްޑީއޭއިން ބުނެފައިވެއެވެ.

އެމްޑީއޭއިން މިގޮތަށް ނިންމާފައިވާއިރު އެ ޕާޓީން ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލީޝަނާއެކުގައިވެސް މަޝްވަރާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް