އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލހި އަނިޔާވެރިއެއް ނުވާނެ ކަމަށާއި ވައްކަމެއް ނުކުރައްވާނ ކަމަށް އެންވައިރަންމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ޝައުނާ މިހެން ވިދާޅުވީ، ރޭ އެމްޑީޕީގެ ފަރާތުން ގަލޮޅުގައި ކުރިއަށް ގެންދިޔަ ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޝައުނާ ވިދާޅުވީ، ރައީސް ސޯލިހަށް ތާއީދު ކުރައްވަނީ، ހަމަ ޔަގީނުންވެސް އަނިޔާވެރި ނުވާނެތީއާއި ވައްކަން ނުކުރައްވާނެތީ ކަމަށެވެ.
"އަނިޔާވެރިއެއް ނުވާނެ، ވައްކަން ނުކުރައްވާނެ، ތިބޭފުޅުން ޔަގީންކުރައްވާ، ތިބޭފުޅުންގެ އެންމެ ލޯ ލާރިއެއްގަވެސް ޖެހިވަޑައިނުގަންނަވާނެ" ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ، އެމްޑީޕީއިން މަސައްކަތް ކުރަނީ އަނިޔާވެރިކަމާއި ވައްކަމާއި ބިރުވެރިކަމުން ސަލާމަތް ވުމަށް ކަމަށެވެ.
މީގެ އިތުރުން ޝައުނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވީ، ގަލޮޅަކީ އެމްޑީޕީއަށް ވަރަށް މުހިންމު އަވަށެއް ކަމަށެވެ. އަދި މިހާތަނަށް ނެގި ވޯޓުތަކުގައި ގަލޮޅުން އަބަދުވެސް މެޖޯރިޓީ ލިބިފައި ވާނީ އެމްޑީޕީއަށް ކަމަށް ޝައުނާ ވިދާޅުވިއެވެ.
އެ ތާރީހު ދަމަހައްޓައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައިވެސް ގަލޮޅުން އެމްޑީޕީއަށް މެޖޯރިޓީ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝައުނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް