މި އިންތިހާބު އަޅުގަނޑުމެންނަށް ޔަގީން ކުރެވިފަ ވާކަމަށް ދެކިގެން ނުވާނެ: މީކާއީލް

އެމްޑީޕީއަށް ރިޔާސީ އިންތިހާބު ޔަގީން ކުރެވިފައި ވާކަމަށް ދެކިގެން ނުވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ. މީކާއީލް މިހެން ވިދާޅުވީ، ރޭ އެމްޑީޕީގެ ފަރާތުން ގަލޮ...

19 Sep 2023 | 21:39

އެމްޑީޕީއަށް ރިޔާސީ އިންތިހާބު ޔަގީން ކުރެވިފައި ވާކަމަށް ދެކިގެން ނުވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލް މިހެން ވިދާޅުވީ، ރޭ އެމްޑީޕީގެ ފަރާތުން ގަލޮޅުގައި ކުރިއަށް ގެންދިޔަ ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މީކާއީލް ވިދާޅުވީ، ކުޑަކޮށް ފަހަތަށް ޖެހިލައި، ފުރަތަމަ ބުރުގައި ހެދުނު ގޯސްތައް ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި އެކި ސަބަބުތަކާ ހެދި ފުރަތަމަ ބުރުގައި ވޯޓުލާން ނުދެވުނު މީހުން މިފަހަރު ވޯޓުލާން ގެންގޮސްދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެއްގޮތަކަށް ވެސް ދެކިގެން ނުވާނެ މި އިންތިހާބު މި އިންތިހާބު އަޅުގަނޑުމެންނަށް ޔަގީން ކުރެވިފާވާކަމަށް. ފުރަތަމަ ބުރު އަޅުގަނޑުމެންނަށް ހެދުނު އެންމެ ބޮޑު މިސްޓޭކަކީ އެއީ ކަމަށް އަޅުގަނޑު ދެކެން" މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ، 2013 އާ 2018 ގައި ތަހައްމަލު ކުރި ބިރުވެރިކަމާ އަނިޔާވެރިކަމުގެ ތެރެއަށް ސޮއްސާލިޔަ ނުދޭން އެދި މުޅި ޜާއްޖޭގެ ރައްޔިތުންގެ ކިބައިން އާދޭސް ދަންނަވާ ކަމަށެވެ.

މީގެ އިތުރުން މީކާއީލް ވިދާޅުވީ، ދިވެހިރާއްޖޭގައި ފެހި ގާނޫނުއަސާސީ ވުޖޫދުވިފަހުން ދެ ދައުރުގައި ވެރިކަން ކުރައްވާނެ ރައީސް އަކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގަންނަވާނެ ކަމަށެވެ.

މީކާއީލް ވިދާޅުވީ، މި ފަސް އަހަރު ލިބުނު މިނިވަން ކަމާއި، ހިންދެމިލައިގެން ދިރިއުޅެން ލިބުނު ފުރުސަތުގެ ސަބަބުން، މިއީ ތާ އަބަދަށް މިކަން އޮންނާނެ ގޮތް ކަމަށް ގިނަ ބަޔަކަށް ހީވެގެން ގޮސްފައިވާ ކަމަށެވެ. އަދި އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އައީވެސް އެފަދައިން ހީވެފައި އޮތުމުން ކަމަށެވެ.

ނަމަވެސް، އެއީ ހަގީގަތެއް ނޫންކަން ހާމަވަނީ، އެމްޑީޕީ ޖަލްސާތަކުން ފެނިގެންދާ އާ މޫނުތަކުގެ ސަބަބުން ކަމަށް މީކާއީލް ވިދާޅުވިއެވެ.

އެ މޫނު ތަކަކީ މާޒީގައި ބިރުވެރިކަމާއި ނާމާންކަން ތަހައްމަލު ކުރި މީހުން ކަމަށް މީކާއީލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް