ޔޫކްރެއިން ހަނގުރާމަ އާއި ކޯވިޑް ޕެންޑަމިކާއި ގުޅިގެން ސަރަައްދުގެ ގައުމުތަކުގައި ކާބޯތަކެއްޗާއި ހަަކަތަށް ނުޖެހިވާނެ ގޮތެއް ހޯދަން ޖެހޭ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.
މޯދީ މިހެން ވިދާޅުވީ އުޒްބަކިސްތާންގެ ސަމަރްކާންދުގައި ކުރިޔަށް ދާ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މޯދީ ވިދާޅުވީ ކޯވިޑް އަދި ހަނގުރާމައިގެ ސަބަބުން މުދާ އެކްސްޕޯޓު ކުރުމާއި އިމްޕޯޓު ކުރުމަށް ވަރަށް ބޮޑަށް ބުރޫ އެރި ކަމަށެވެ. އޭގެ ސަބަބުން ގައުމުތަކަށް ކާބޯތަކެއްޗާއި ހަކަތައިގެ ދާއިރާގެ އުފެއްދުންތައް ލިބުން ދަތިވި ކަމަށް ވިދާޅުވި އެވެ.
މޯދީ ވިދާޅުވީ އަދިވެސް އެ ހާލަތުން ރަނގަޅަށް ގައުމުތަކަށް އަރައި ނުގަނެވޭ ކަމަށެވެ. އެހެންވެ ސަރަހައްދީ ގައުމުތަކުން އެއްގައުމަށް އަނެއް ގައުމަށް އިމްޕޯޓު އެކްސްޕޯޓު ކުރުން ހަލުވިކޮށް، އިތުބާރު ގާއިމްކޮށް، މި މަސައްކަތް ފުޅާ ކުރަން ޖެހޭ ކަމަށެވެ.
މި ސަމިޓުގައި އިންޑިއާއިން އެންމެ ބޮޑު އިސްކަމެއް ދޭނީ ހަކަތައިގެ ދާއިރާ ފުޅާ ކުރުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ރަޝިއާއިން އެ ގައުމަށް ތެޔޮ އެތެރެކުރާ މިންވަރު ވަރަށް ބޮޑަށް އިތުރު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.
އެސްސީއޯ އަކީ ބާރުގަދަ ބޮޑެތި ގައުމުތަކެއް އެކުލެވޭ ޖަމިއްޔާ އެވެ.
އޭގެ ތެރޭގައި އިންޑިއާ، ރަޝިއާ އީރާން އަދި ޗައިނާ ހިމެނެ އެވެ. ދެން އެ ޖަމާއަތުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ޕާކިސްތާން ކަޒަކިސްތާން، ތަޖިކިސްތާން އަދި އުޒްބަކިސްތާންގެ އިތުރުން ކިރްގިސްތާން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް