ފެންނަމުންމިދަނީ ނުކުރެވޭނެކަމަށް ބުނާ އެތައް ކަމެއް ކުރަމުން އަންނަތަން: މިނިސްޓަރު ސަމީރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެންނަމުން މިދަނީ ނުކުރެވޭނެކަމަށް ބުނާ ކިތަންމެ ކަމެއްވެސް ކުރަމުން އަންނަތަން ކަމުގައި ރައީސް އޮފީހުގެ މިނިސްޓަރ އަހްމަދު ސަމީރު ވިދާ...

20 Sep 2022 | 18:40

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެންނަމުން މިދަނީ ނުކުރެވޭނެކަމަށް ބުނާ ކިތަންމެ ކަމެއްވެސް ކުރަމުން އަންނަތަން ކަމުގައި ރައީސް އޮފީހުގެ މިނިސްޓަރ އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސަމީރް މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދުގެ މިރޭގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭގޮތުން އަދި ވަކިން ހާއްސަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މަޝްރޫއުތަކާއި ގުޅޭގޮތުން މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސަމީރު ވިދާޅުވީ ރައީސް ސޯލިހް މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަވެސް އަމާޒަކަށް ހެއްދެވީ ތަފާތުކުރުންތައް ނެތިކޮށްލުމާއި ކުޑައެއް ބޮޑެއް ނުބަލާ ރާއްޖޭގެ ހަމަ ކޮންމެ ސަރަހައްދަކަށްވެސް ތަރައްގީ ގެނައުމަށް ކަމަށެވެ.

"މާލެއަށް ބައްލަވާ، އެތައް ސަރުކާރަކަށް ނުވެ އޮތް ބަސް ދަތުރުތައް ފެށިއްޖެ، މަގުތައް ހެދުމާ ޕާކިން ސްޕޭސް ހެދުމާ އެދަނީ ކުރިއަށް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްރަށުގަ މަސައްކަތްތައް ކުރިއަށްގޮސް މައުނަވީގޮތެއްގައި ނަތީޖާ މިދަނީ ފެންނަމުން" މިނިސްޓަރ ސަމީރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުގައި ފަސް އަހަރުގެ ތެރޭގައި ކުރަން ވަރަށް ގިނަ ކަންކަން ހުއްޓެވެ.  ހާލަތު އޮތީ އަލުން ބަލުން ފަށައިގަނެ ތަރުތީބުކުރާ ހާލަތުގައި ކަން ފާހަގަކުރެއްވިއެވެ.

"ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ގައިން ތާހިރުވެގެންނޭ މީހުންނާ ވާހަކަދައްކާ އުޅޭނީވެސް، އެގޮތް ހޯއްދަވައިދެއްވުމަށް ރަށްރަށުގަ ސާފު ބޯފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއުތައް އެދަނީ ހިނގަމުން" މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މައުލޫގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސަމީރު ވިދާޅުވީ ބަޔަކު މީހުން ކިތަންމެ ބައިވަރު ނިޒާމެއް ގާއިމުކުރީމޭ ބުންޏަސް އެއީ ފެންނަން ނެތް އެއްޗެހި ކަމަށެވެ. އިތުރުފުޅު ހެއްދެވިޔަސް އެއީ ބޮޑުވަރު ކަމަށެވެ.

"ރައްޔިތުން ރަށު ބަންދުގަ ތިބި ތިބުން ވަރަށް ބޮޑުތަނުން ބަންދުން ވީއްލިއްޖެ، ހަމަނޭވާ ލައިގެން ތެދުވެ ހިނގައިގަނެ ތަންތަނަށް ދެވޭނެގޮތް މެދުވެރިވެއްޖެ" މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މައުލޫގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮވިޑުގެ އާލަމީ ބަލިމަޑުކަމުން ގައުމު އަރައިގަނެ އިގްތިސާދު ހަމައަކަށްއެޅި ވިޔަފާރިތައް ހިނގަން ފަށައިގެންފައިވާއިރު ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުންވެސް އެކަން ބަލައިގަންނަ ކަން ސާފުކޮށް ހާމަވާކަމަށެވެ. އަދި ކޮވިޑުގެ ހާލަތުން އަރައިގަތުމުގައި ރާއްޖެއަކީ މިސާލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ބަލައިގެންފައިވާކަމަށެވެ. އަދި އެ ހާލަތުން އަރައިގަތީ ރައްޔިތުންނަށް ދަތި ނުވާނޭހެން އެންމެހާ އިންތިޒާމުތައް ހަމަޖައްސަވައިގެން ކަމުގައިވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް