ފުލުހުންގެ ޑިއުޓީ އަދާ ކުރުމަށް ހުރަސް އަޅައި ހަމަލާދޭ މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ.
ޖާބިރު ވިދާޅުވީ މައްސަލަ ހުށަހަހެޅުމުގެ ބޭނުމަކީ މަޖިލީހުގައި ބަހުސްކޮށް މި ކަންބޮޑުވުމުގެ މައްޗަށް މުޅި ދައުލަތުގެ ސަމާލުކަމަށް ގެނެސް އަވަސް ހައްލެއް ހޯދުމެވެ.
ފުލުހުންނަށް ހަމަލާދިނުން ކުއްލި މައްސަލައަކަށް ވަނީ ގާނޫނު ތަންފީޒު ކުރުމާއި ކުށްވެރިން ހިފާ ހައްޔަރުކުރުމާއި މުޖުތަމައުގެ ރައްކާތެރިކަމާއި ސަލާމަތަށް މަސައްކަތް ކުރަން ތިބެން ޖެހޭ ފުލުހުންގެ ހާލަަތު ކަމަށްވާތީ ކަމަށެވެ. އޭނާ ވިދާޅުވީ ފެންނަމުންދާ މަންޒަރަށް ބަލާއިރު ގާނޫނު ނަގަހައްޓާ އެންމެ މުހިންމު އިދާރާ ކަަމަށްވާ ފުލުހުންގެ ބާރާއިމެދު ގޭންގުތަކާއި މަސްތުވާތަކެތީގެ ނެޓްވޯކުތަކުން އެއްވެސް ބިރެއް ނެތް ކަމަށެވެ.
ޖާބިރު ވިދާޅުވީ ފުލުހުންނަށްދެމުންދާ ހަަމަލާތަކުން އަދަބެއް ނުދެވޭނެ ކަމުގެ ޔަގީން ކަން އެމީހުންނަށް އޮންނަ މިންވަރ އެނގިގެންދާ ކަމަށެވެ.
ޖާބިރު ވިދާޅުވީ ފުލުހުންނަށް ހަމަލާދީ އިންޒާރު ދޭ މައްސަލައަކީ ދިވެހި ދާހިލީ އަމަން ކަމާއި ކަރާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ތިބި ފުލުހުންނަށް ކަން ދިމާވާ ގޮތް ކަމުގައިވާ ނަމަ މިއަށްވުރެ އަވަސް ކުއްލި މައްސަލައެއް މިވަގުތު މި ގައުމުގައި ދިމާވެފައި ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް