ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓުތަކަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވިއިރު 1،400 އަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ވިނަރެސް ފްލެޓަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
އެޗްޑީސީން މިއަދު ބުނީ މުއްދަތު ހަމަވި އިރު ފޯމް ހުށަހަޅާފައިވަނީ 1،433 މީހުން ކަަމަށެވެ. އެ ކުންފުނިން ބުނީ މި ފުލެޓުތަކަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ޝަރުތުހަމަވެފައިވާކަން ކަނޑައަޅާނީ ޕްލޭނިން މިނިސްޓްރީން ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން ސްކޯރ ތަރުތީބުން ލިސްޓް ކުރެވޭނީ ވިނަރެސް ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހު އެވެ. ލިސްޓު އޯޑަރަށް ޔުނިޓް ހިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލާނީ އޭގެ ފަހުން ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.
އެޗްޑީސީން ބުނީ އެއަށްފަހު ފައިނޭންޝިއަލް އެލިޖިބިލިޓީގެ އިވެލުއޭޝަންގެ މަސައްކަތް ކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކަށް ޔުނިޓް ހަވާލުކުރެވޭނެ ކަމަށެވެ. އަދި ފައިނޭންޝިއަލް އެލިޖިބިލިޓީން ޝަރުތުހަމަނުވާ ފަރާތްތަކުގެ ޔުނިޓްތައް ކެންސަލްކޮށް، ވެއިޓްލިސްޓްގައިވާ ފަރާތްތަކަށް ފުރުސަތު ދެވިގެންދާނެއެވެ.
ވިނަރެސް ފްލެޓުތަކަކީ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެކެވެ. އެ މަޝްރޫއުގެ ދަށުން 13 ބުރީގެ 10 ޓަވަރު އަޅާފައިވެ އެވެ. އެޗްޑީސީން ބުނީ ފްލެޓު ލިބުނު މީހުންނަށް އެތަނުގައި ދިރިއުޅެން ފެށޭނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް