ޗައިނާ ކަޓުވާލައި ލަންކާ، އެންމެ ދަރާފައިވާ ގައުމުގެ މަގާމު އިންޑިއާ ހޯދައިފި

އިގްތިސޯދު އަޑިއަޅާލާފައިވާ އަވައްޓެރި ސްރީލަންކާ އެންމެ ބޮޑަށް ދަރާފައިވާ ގައުމުގެ މަގާމު އިންޑިއާ ހޯދައިފި އެވެ. އެ މަގާމުގައި މިހާތަނަށް އޮތީ ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދު ޗައިނާ އަތުގައި އެވެ. ލ...

20 Sep 2022 | 04:39

އިގްތިސޯދު އަޑިއަޅާލާފައިވާ އަވައްޓެރި ސްރީލަންކާ އެންމެ ބޮޑަށް ދަރާފައިވާ ގައުމުގެ މަގާމު އިންޑިއާ ހޯދައިފި އެވެ.

އެ މަގާމުގައި މިހާތަނަށް އޮތީ ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދު ޗައިނާ އަތުގައި އެވެ. ލަންކާގެ ހާލަތު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެގައުމު މިހާރު ވެއްޓިފައި އޮތް އަނދަވަޅަށް ވެއްޓެން ޖެހުނީ ޗައިނާއަށް ދައްކަން ޖެހޭ ދަރަންޏަށް ލުއި ނުދިނުމުންނެވެ.

އެންމެ ގިނަ ލޯނު ލަންކާއަށް ދޫކޮށްފައިވާ ގައުމުގެ ގޮތުގައި ޗައިނާ އޮންނަތާ ފަސް އަހަރު ވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޗައިނާ ވައްޓާލުމަށް ފަހު އެ މަގާމު އިންޑިއާ ހޯދީ މިއަހަރުގެ ހަތަރު މަސް ތެރޭގައި ކަމަށެވެ. އިންޑިއާއިން ދީފައިވާ ލޯންގެ އަދަދު މިހާރު ވަނީ 968 މިލިއަން އެމެރިކާ ޑޮލަރަށް އަރާފަ އެވެ.

އިންޑިއާއިން އދ. އަށް ކަނޑައަޅާފައިވާ ހުންނަވާ ދާއިމީ މަންދޫބު ރުޗިރާ ކަމްބޯޖް ވިދާޅުވީ ހަތަރު ބިލިއަން ޑޮލަރުގެ ފައިސާގެ އެހީ ލަންކާއަށް ފޯރުކޮށްދީފައިވާ ކަމަށެވެ. ކުރިޔަށް އޮތްތާވެސް އަވައްޓެރި ގައުމަށް ދިމާވެފައިވާ ކާރިިސާއިން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

އިންޑިއާއިން ދީފައިވާ ލޯނުގެ ތެރެއިން 377 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި އެވެ. އަދި އޭޝިއަން ޑޮވެލޮޕްމެންޓް ބޭންކް (އޭޑީބީ) މެދުވެރިކޮށް 360 މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ.

ލަންކާގައި ހުންނަވާ އިންޑިއާ ހައި ކޮމިޝަނުން ބުނީ ފައިސާގެ އިތުރުން އިންސާނީ އެހީވެސް ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން 44،000 ޓަނުގެ ކާބޯތަކެތި ފޯރުކޮށްދީފަވާއިރު ދަނޑުވެރިކަމާއި ގުޅުން ހުރި 21،000 ޓަނުގެ ސާމާނު ލަންކާއަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

ޗައިނާއަށް ލަންކާއިން ދައްކަން ޖެހޭ ލޯނުގެ އަދަދު އުޅެނީ 947 މިލިއަން ޑޮލަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް