އިންޑިއާގެ ޓީވީ ތަރި އުރްފީ ޖާވީދަކީ އަންބަކަށްވެސް މަންމައަކަށްވެސް ކަމުދާވަރުގެ މީހެއް ނޫން ކަމަށް ޓީވީ ތަރި ޗާހަތް ކަންނާ ބުނެފި އެވެ.
"މޭރީ ދުރްގާ" އަދި "ކަސައުޓި ޒިންދަގީކޭ 2" ފަދަ ޑްރާމާތަކުން ފެނިގެން ދިޔަ އުރްފީ މިހާރު މަޝްހޫރީ ހެދުން އެޅުމުގައި ގެންގުޅޭ މުޑުދާރު ގޮތްގަނޑުންނެވެ. އާންމުން ވަރަށް ބޮޑަށް އޭނާ ދެކެ ރުޅިއަންނައިރު ނިވާކަން ކުޑަ ހެދުން އަޅައިގެން އާންމު ތަންތަނަށް ނުކުމެ އުރްފީ ބުނަމުންދަނީ ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށް ހެދުން އެޅޭނެ ކަމަށެވެ.
މިފަދަ ވާހަކަތަކާއި ހެދުން އެޅުމުގައި ގެންގުޅޭ ވިސްނުމަށް ފަޑުކިޔައި ޗާހަތް ބުނީ އުރްފީއަކީ އެއްވެސް އުޅުމެއް ނެތް މީހެއް ކަމަށެވެ. ވަރަށް ލަދުވެތިކަން ކުޑަގޮތަކަށް އަމަލުތައް ބަހައްޓާ އުރްފީއަކީ އަންހެނެއްގެ ގޮތުގައި ދިރިއުޅުމުގެ އެއްވެސް ކަމަކަށް ކަމުދާ މީހެއް ނޫން ކަމަށް ޗާހަތް ބުންޏެވެ.
ޗާހަތް އެހެން ބުނުމުން އުރްފީ ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފަ އެވެ. އަދި ޗާހަތް ބުރަކަށި ފެންނަ ހެދުމެއް ލައިގެން ހުރި ފޮޓޯއެއް އުރްފީގެ އިންސްޓަގްރާމްގައި ހިއްސާ ކުރުމަށް ފަހު އޭނާއަށް ރައްދު ދީފައިވެ އެވެ.
އުރްފީ ބުނީ މީހެއްގެ އަންބަކަށް އަދި މަންމައަކަށްވެސް ވާން ބޭނުން ނުވާ ކަމަށެވެ. އުރްފީ ބުނީ މީހެއްގެ އަންބަކަށްވާން ކަމުނުދާ މީހަކީ ކާކުތޯ ޗާހަތް އަމިއްލަ ނަފްސާ ސުވާލު ކޮށްލުން ރަނގަޅުވާނެ ކަމަށެވެ.
ޗާހަތް މިހާރު ހުރީ ހުސްކޮށެވެ. މީގެ ކުރިން އޭނާ ދެކައިވެނި ކޮށްފައިވާއިރު، ދެވަނަ ކައިވެނި ރޫޅުނީ ކައިވެންޏަށް އަހަރެއް ވީތަނާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް