ނުރައްކާތެރި ބިންހެލުމެއްގެ އަސަރު މެކްސިކޯއަށް ކޮށް މި ބިންހެލުމުގައި އެކަކު މަރުވެ ގިނަ އަދަދެއްގެ އިމާރާތްތަކަށް ގެއްލުންވެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާއިރު އެ ގައުމުގެ ރައްޔިތުންގެ ހިތުގައި އެންމެ ބޮޑު ބިރުވެރިކަމެއް އޮތީ އެއް ތާރީހެއް ކަމުގައިވާ 19 ސެޕްޓެމްބަރުގައި މީގެ ކުރިންވެސް ދެ އަހަރެއްގައި ނުރައްކާތެރި ބިންހެލުންތަކުގައި ގިނަ ބަޔަކު މަރުވެފައިވުމެވެ.
އެގޮތުން މެކްސިކޯގެ މެކްސިކޯ ސިޓީއަށް 1985 ވަނަ އަހަރު އައި ބިންހެލުމަކީ މި ތާރީހުގައި އައި ފާހަގަކޮށްލެވޭ އަދި އެންމެ ބާރުގަދަ ބިންހެލުމެވެ.
19 ސެޕްޓެމްބަރ 1985ގެ ފަތިހުގެ ވަގުތެއްގައި އައި އެ ބިންހެލުމަކީ ރެކްޓަރ މިންގަނޑުން 8.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. އެ ބިންހެލުމުގައި ފަސް ހާހެއްހާ މީހުން މަރުވެ 30 ހާހެއްހާ މީހުން ޒަހަމްވިކަމަށް ރެކޯޑުކުރެވިފައިވެއެވެ.
އެއަށްފަހު 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބާރުގަދަ ބިންހެލުމެއް އައީ މެކްސިކޯގެ ދެކުނުގެ ސިޓީއެއްކަމުގައިވާ ޕުއެބްލާ ސަރަހައްދަށެވެ. އެ ތާރީހުގުގެ މެންދުރު 1:14 ހާއިރު އައި ބިންހެލުމަކީ ރެކްޓަރ މިންގަނޑުން 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. އެ ބިންހެލުމުގައި 370 މީހުން މަރުވެ ހަ ހާހަށްވުރެ ގިނަ މީހުން ޒަހަމްވިކަމަށް ރެކޯޑު ކުރެވިފައިވެއެވެ.
އެއަށްފަހު ހަމަ އެއް ތާރީހެއްގައި 19 ސެޕްޓެމްބަރ 2022ގައި މެކްސިކޯއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އައުމުން އެ ގައުމުގެ ރައްޔިތުން ތިބީ އިއްތިފާގީ މި ތާރީހުގައި ނުރައްކާތެރި ބިންހެލުމެއް އައުމުން އިންތިހާ ބިރުވެރިކަމެއްގެ ތެރޭގައެވެ.
މި ބިންހެލުމާއި ގުޅިގެން އެކަކު މަރުވިކަން މިހާތަނަށް ވަނީ ރިޕޯޓްކޮށްފައެވެ. އަދި މެކްސިކޯގެ އައްސޭރިއަށް ތިން ފޫޓާއި ނުވަ ފޫޓާއި ދެމެދުގެ އުސްމިނެއްގައި ސުނާމީއެއްގެ އަސަރުކޮށްފާނެކަމުގެ އިންޒާރު ވަނީ ދީފައެވެ.
https://twitter.com/dhuvasmv/status/1572018290339315712
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް