ބާރުގަދަ ބިންހެލުމަކާއެކު މެކްސިކޯ ހާސްކަމާ ބިރުވެރިކަމުގައި، މިހާތަނަށް އެއް މަރު

އުތުރު އެމެރިކާއަށް އައި ބާރުގަދަ ބިންހެލުމެއްގައި އެކަކު މަރުވެ ބައެއް އިމާރާތްތަކަށް ގެއްލުންވެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ހިދުމަތްކެނޑި އެ ގައުމު ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ. އެ ގައުމުގެ...

20 Sep 2022 | 00:18

އުތުރު އެމެރިކާއަށް އައި ބާރުގަދަ ބިންހެލުމެއްގައި އެކަކު މަރުވެ ބައެއް އިމާރާތްތަކަށް ގެއްލުންވެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ހިދުމަތްކެނޑި އެ ގައުމު ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.

އެ ގައުމުގެ ގަޑިން 13:00 ހާއިރު (ރާއްޖޭ ގަޑިން ގާތްގަނޑަކަށް  ރޭގެ 11:00) ހާއިރު މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ހުޅަނގު ބިތުގައި އޮންނަ ކޮލީމާ ސްޓޭޓަށެވެ. މި ބިންހެލުމަކީ ރެކްޓަރ މިންގަނޑުން ބަލާނަމަ 7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. ބިންހެލުން އައިސްފައިވަނީ 15 ކިލޯ މީޓަރު އަޑިއަށެވެ. ބިންހެލުމުގެ އަސަރު އެހާ ބޮޑުވުމުގެ އަސްލަކީ އެހާ ތިލައިން ބިންހެލުން އައުންކަމަށް ބެލެވެއެވެ.

ބިންހެލުމާއެކު އައި ލޮޅުމުގައި ބައެއް އިމާރާތްތައް ވެއްޓި ގައުމުގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާއިރު މި ބިންހެލުމާއި ގުޅިގެން އެ ގައުމުގެ ރައީސް އެންޑްރޭސް މެނުއަލް ލޮޕޭޒް އޮބްރަޑޯރ ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ބިންހެލުމުގެ ލޮޅުމުގައި ފިހާރައެއްގެ ފާރެއް ވެއްޓި އެ ފާރުގެ ދަށުގެ އެކަކު މަރުވެފައިވާކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން މެކްސިކޯގެ އައްސޭރިފަށަށް އެއް ފޫޓާއި ތިން ފޫޓާއި ދެމެދުގެ އުސްމިނުގެ ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރު އެމެރިކާގައި ގާއިމްކޮށްފައި ހުންނަ ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ވަނީ ދީފައެވެ.

މެކްސިކޯއަށް ބާރުގަދަ މި ތޫފާން އައިސްފައިމިވާ ތާރީހު ކަމުގައިވާ 19 ސެޕްޓެމްބަރ (މި ހަބަރު ލިޔެވޭއިރު އެ ގައުމުގެ ގަޑިން، 19 ސެޕްޓެމްބަރ 2022 ވީ ހޯމަ، 19:12) ގައި މީގެ ކުރިން ދެ އަހަރެއްގައިވެސް ހަމަ މި ތާރީހުގައި ބާރުގަދަ ދެ ބިންހެލުމެއް އައިސްފައިވެއެވެ. އެގޮތުން 1985 ވަނަ އަހަރުގައްޔާއި އޭގެ ފަހުން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު 19ގައި މެކްސިކޯއަށް ބާރުގަދަ ބިންހެލުން އައިސްފައިވެއެވެ.

އެގޮތުން 1985ގެ ބިންހެލުމުގައި ހާހަކަށްވުރެ ގިނަ މީހުން މަރުވިއެވެ. 2017ގެ ބިންހެލުމުގައި 350 މީހަކު މަރުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް