ލ. އަތޮޅު މަދުރަސާގެ ކަންކަން ބޮއްސުންލުމުން ބެލެނިވެރިން ނުކުމެ ސްކޫލުގައި ތަޅު އަޅުވައިފި އެވެ.
ހައްދުންމަތީ މާބައިދޫގައި ހުންނަ އެ އަތޮޅު، އަތޮޅު މަދުރަސާގެ ބެލެނިވެރިއަކު ދުވަސްއެމްވީ އަށް ބުނީ މިގޮތަށް ކަންތައް ކުރަން ޖެހުނީ ސްކޫލުގައި ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅު ކުރުމަށް އެތައް ފަހަރަކު މަސައްކަތް ކުރުމުން ވެސް އެކަން ހައްލުވެފައިނުވާތީ ކަމަށެވެ.
އޭނާ ބުނީ އެ ސްކޫލަކީ ސައިންސް ސްޓްރީމަށް ކިޔަވައިދޭ ސްކޫލެއް ނަމަވެސް، ސައިންސް ލެބެއް ނެތް ކަމަށެވެ. އަދި ކްލާސްތަކުގައި ހުރި ޑެސްކުތަކަކީ ވެސް ހަލާކުވެފައިވާ ތަކެތި ކަމަށާއި ގިނަ ޑެސްކުތަކުގެ ފައި ހުރީ ބިނދިފައި ކަމަށެވެ.
"އަޅުގަނޑުމެންގެ މި ޝަކުވާތައް ޕްރިންސިޕަލަށް ވެސް މިނިސްޓްރީއަށް ވެސް އަދި ޕީޓީއޭ އަށް ވެސް ކިތަންމެ ފަހަރަކު އަންގައިފިން. އެކަމަކު އެއްވެސް ކަހަލަ އިސްލާހީ ހައްލެއް ނައިސްގެން މިގޮތަށް ކަންތައް ކުރަން މިޖެހުނީ. އަޅުގަނޑުމެން ސްކޫލުގެ އެއްވެސް އިމާރާތަކަށް ނުވަތަ ތަނަކަށް ގެއްލުންވާ ކަހަލަ ކަމެއް ނުކުރަން." އޭނާ ބުންޏެވެ.
އޭނާ ބުނީ ލައިބްރަރީ ގެ މޭޒުތަކުގެ ފައި ވެސް ހުރީ ބިނދިފައި ކަމަށެވެ. އަދި ކްލާސް ރޫމްތަކުގައި ބޭނުންކުރަމުންދާ ބޯޑުތަކުގެ ބޭނުމެއް ވެސް ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.
ސްކޫލުގެ ޓީޗަރުން ނުކުމެ ދަރިވަރުންނަށް މިއަދުކިޔަވައިދިން ނަމަވެސް އިދާރީ މުވައްޒަފުން ނުނިކުންނާތީ ވަރަށްބޮޑު ހާސްކަމެއްގެ ތެރެއަށް ވެއްޓުނު ކަމަށެވެ.
އެގޮތުން ސްކޫލުގެ މަސައްކަތު މީހާވެސް މިއަދުވަޒީފާއަށް ނުނިކުންނާތީ ސްކޫލުގެ ފާޚާނާތައް ވެސް ހުރީ ވަރަށް ހަޑިވެފައިކަން ފާހަގަކޮށް އޭނާ ބުނީ އެ ފާޚާނާތައް ސާފުނުކޮށް ހުއްޓާ މާދަމާ އެކުދިން ގޮސް ބޭނުންކުރުމަކީ ބޭނުންވާ ގޮތް ނޫން ކަމަށެވެ.
"އެޑިއުކޭޝަން މިނިސްޓަރ މިރަށަށް ވަޑައިގެންނެވި ދުވަހެއްގަ ސީދާ މިނިސްޓަރަށް އެވާހަކަތައް ދަންނަވާފައިވާނެ. އެކަމަކު އަދިވެސް އޭން އެއްވެސް ކަމެއް ރަނގަޅެއް ނުވޭ. ފިރިހެން ކުދިންގެ ފާޚާނާގެ ކަރަންޓެއް، ތަޅެއް ނެތް. އަސްލު ބުނަންޖެހޭނީ މި ސްކޫލުގައި ކިޔަވައިދެނީ އެއްވެސް ވަރަކަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެނެއް ނޫނޭ." އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ސްކޫލުގެ ދިދަ އަދިވެސް ހުރީ ނެގި ގޮތަށް ނުބާލާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް