ރައީސް ނަޝީދަށް ހަމަލާ ދިން 4 މީހެއްގެ ޝަރީއަތް މާދަމާ ފަށަނީ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކޮށްފައިވާ 4 މީހެއްގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފި އެވެ....

20 Sep 2021 | 17:37

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކޮށްފައިވާ 4 މީހެއްގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފި އެވެ.

މިއަހަރުގެ މެއި މަހުގެ 6 ވަނަ ދަވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މާދަމާ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ އަދުހަމް އަހުމަދު ރަޝީދު ވ. ތިނަދޫ، ހިޔާ، މުޖާޒު އަހުމަދު (21) މއ. ފޭރުގެ، ތަހުމީން އަހުމަދު (32) ގއ. ކޮނޑޭ، ފޮޅޭމާ، އަދި އަލީ ހައިޝަމް (27) ނ. މަނަދޫ، ނޫރީގެ އެވެ.

މީގެ ތެރެއިން އަދުހަމް އަހުމަދު ރަޝީދަށް ކުރާ 3 ދައުވާގެ އަޑުއެހުން މާދަމާ މެންދުރުފަހު 1 ޖަހާއިރަށް ވަނީ ތާވަލުކޮށްފަ އެވެ. އެއީ ޓެރަރިޒަމް އަމަލެއްކުރުމުގެ ދައުވާއަކާއި ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެއްގެ އިތުރުން ޓެރަރިޒަމް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެކެވެ.

މުޖާޒު އަހުމަދާއި ތަހުމީން އަހުމަދުގެ އިތުރުން އަލީ ހައިޝަމްގެ ޝަރީއަތުގެ އަޑުއެހުން މާދަމާ މެންދުރުފަހު 2 ޖަހާއިރަށް ތާވަލުކޮސްފައިވާ އިރު، އެ ދެ މީހުންގެ މައްޗަށް ޓެރަރިޒަމް އަމަލެއް ހިނގުމުގައި ބައިވެރިވުމުގެ ދައުވާއާއި ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާގެ އަދި ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިމުގެ ދައުވާ ވަނީ ކޮށްފަ އެވެ. އަދި ތަހުމީނުގެ މައްޗަށް ވަނީ ޓެރަރިޒަމް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ވެސް ކޮށްފަ އެވެ.

މުޖާޒުގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމް އަމަލެއް ހިނގުމުގައި ބައިވެރިވުމުގެ ދައުވާއާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ވަނީ މި މަހުގެ 13 ވަނަ ދުވަހު 3 މީހުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި މ. ކުދެހިގޭ އިސްހާގާއި، ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އަދި އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް ހިމެނެ އެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމުން ހިންގަވައި، މަޖީދީ މަގުގައި ހުންނެވި އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް ގޮއްވާލީ ކަންމަތީގައި ޕާކްކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައި އިން އައިއީޑީއެކެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފައިވާ އިރު، އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް