ސިވިލް ސަރވަންޓުން އެމީހުންގެ ޑިމާންޑުތަކަށް އިހުތިޖާޖު ކުރަމުންދާތީ، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފި އެވެ.
ސީއެސްސީ އިން ނެރުނު ބަޔާނެއްގައި ވަނީ ސިވިލް ސަރވަންޓް އެސޯސިއޭޝަންގެ ނަމުގައި ގޮތް ނޭނގޭ ބަޔަކު ދެމުންދާ އިރުޝާދުތަކަށް ސިވިލް ސަރވިސް މުވައްޒަފުން ބޯ ލަނބާ އެގޮތަށް އަމަލުނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލަ ހޫނުވެ، އެކަމާ ގުޅިގެން ބައެއް އިދާރާތަކުން މަސައްކަތް ހުއްޓާލާ، މުވައްޒަފުން އިހުތިޖާޖު ކުރަމުންދާ މި ދަނޑިވަޅުގައި ސީއެސްސީ އިން ބުނީ "ދިވެހި ސިވިލް ސަރވަންޓްސް އެސޯސިއޭޝަން" ގެ ނަމުގައި މީސްމީޑިއާގައި މިހާރު ހަރަކާތްތެރިވާ ފަރާތަކީ، ގަވާއިދުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ނޫން ކަމަށެވެ.
"މިހާރަކަށް އައިސް، އެކި ނަންނަމުގައި ވަކި ބަޔަކު ނޭނގޭގޮތަށް، ކޮމިޝަނުގެ "ލޯގޯ" ބޭނުންކޮށްގެން، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހައްގުތައް ދިފާއުކުރުމަށް ކަމުގައި ބުނެ، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ ހަރަކާތްތެރިވަމުން." ސީއެސްސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ކޮމިޝަނުން ބުނީ ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ދޮރު އަބަދު ވެސް ހުޅުވިފައި ހުންނާނެ ކަމަށެވެ.
" ކޮމިޝަނުން އަބަދުވެސް މަސައްކަތްކުރަމުންދަނީ، ސިވިލް ސަރވިސް މުވައްޒަފުންގެ އަޑުއަހައި، މުވައްޒަފުންނާ ގާތުން މަސައްކަތްކޮށް، މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށްދީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް." ސީއެސްސީގެ ބަޔާނުގައި ވެއެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި މުވައްޒަފުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އަބަދުވެސް ކޮމިޝަނުން މަސައްކަތްކުރަމުންދާ ކަމަށާއި ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތައް ދެނެގަނެ، ގާނޫނާއި ގަވާއިދުގެ ތެރެއިން އެ މައްސަލަތަކަށް ހައްލު ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުންދާ ކަމަށް ސީއެސްސީ އިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެ ކޮމިޝަނުން އިތުރަށް ވަނީ ގާނޫނުން ލިބިދޭ ހައްގުތައް ބޭނުންކުރުމުގައި ވެސް، ސަރުކާރުގެ އިދާރާތަކުން ދެމުންދާ ޚިދުމަތްތައް މެދުނުކެނޑޭނެގޮތަށް އަމަލުކުރުމަށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް ނަސޭހަތްތެރިވެފަ އެވެ.
https://twitter.com/cscmaldives/status/1439909059885342720
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް