ނަމާދު ނުކުރާމީހާއަށް ކަށްވަޅުގައި ލިބޭ ޢަޛާބު ތިބާއަށް އެނގޭހެއްޔެވެ؟
رسول الله صلى عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “ހަމަކަށަވަރުން، ރޭގައި ތިމަންކަލޭގެފާނުގެ އަރިހަށް (ހުވަފެންފުޅުގައި) ދެބޭކަލަކު ވަޑައިގަތެވެ. އަދި އެ ދެބޭކަލުން ތިމަންކަލޭގެފާނަށް ވިދާޅުވިއެވެ. (ތިމަންމެންނާއެކުގައި) ހިންގަވާށެވެ! ފަހެ، ތިމަންކަލޭގެފާނު އެ، ދެ ބޭކަލުންގެ އަރިހުގައި ހިންގަވައިގަތީމެވެ…… ތިމަންމެންނަށް އޮށޯވެގެން އޮތް މީހެއްގެ ކައިރިއަށް ވަޑައިގެންނެވުނެވެ. އަދި އެހެން މީހަކު، އޭނާގެ ކައިރީގައި ހިލަގަނޑެއް ހިފައިގެން ކޮޅަށް ހުއްޓެވެ. އަދި އެ ހިލަގަނޑުން، އެ (އޮށޯވެ އޮތް) މީހާގެ ބޮލުގައިޖަހައެވެ. (އޭގެ ސަބަބުން) އެ މީހާގެ ބޯ، ފިސްފިސްވެގެންދެއެވެ. އަދި އެ ހިލަގަނޑު އެއްފަރާތަކަށް ދުރަށް ވިއްސައިގެންދެއެވެ. ފަހެ، އެ މީހާ (އެބަހީ: ކޮޅަށް ހުރި މީހާ) އެ ހިލަގަނޑުގެ ކައިރިއަށްގޮސް އެ ހިލަގަނޑު ނަގައެވެ. ފަހެ، އޭނާ، އެ ހިލަގަނޑު ހިފައިގެން އަންނައިރު، އެ މީހާގެ (އެބަހީ: އޮށޯވެ އޮތް މީހާގެ ފިސްފިސްވެފައިވާ) ބޯ، ކުރިއެކޭ އެއްގޮތަށް ރަނގަޅުވެދެއެވެ. އެއަށްފަހު (އެ ހިލަގަނޑު ހިފައިގެން ހުރި މީހާ) އޭނާގެ ކައިރިއަށް ދެއެވެ. އަދި ކުރީ ފަހަރު ކަންކުރިފަދައިން މިފަހަރު ވެސް ކަންކުރެއެވެ. رسول الله صلى عليه وسلم ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނު އެ ދެ ބޭކަލުންނަށް ވިދާޅުވީމެވެ. ސުބްޙާނަ اللَّهِ އެވެ! އެބަހީ: اللَّهُގެ ހުސްޠާހިރުވަންތަކަމާއެވެ! މިއީ ފަހެ، ކޮންފަދަ ކަމެއްތޯއެވެ؟ ވިދާޅުވިއެވެ. އެއީ ފަރުޟު ނަމާދުތަކަށް (ފަރުވާކުޑަކޮށް) ނިދާ މީހާއެވެ.
އެންފުރަތަމަ ޤިޔާމަތް ދުވަހު اللَّه ހިސާބު ބައްލަވަނީ ނަމާދުގެ ހިސާބުކަން ތިބާއަށް އެނގޭހެއްޔެވެ. رسول الله صلى عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.” ހަމަކަށަވަރުން، ޤިޔާމަތްދުވަހުން އަޅާގެ އަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭހުށީ، އޭނާގެ ނަމާދާ މެދުގައެވެ. ފަހެ، އެ ނަމާދު ރަނގަޅުވެއްޖެނަމަ، (އެބަހީ: އޭނާ ފުރިހަމަގޮތުގައި ރަނގަޅަށް ނަމާދު ކޮށްފައިވާނަމަ) ހަމަކަށަވަރުން، އޭނާ ކާމިޔާބުވެ، ނަޖާވާހުއްޓެވެ. އަދި އެ ނަމާދު ފާސިދު ވެއްޖެނަމަ، ފަހެ، ހަމަކަށަވަރުން، އޭނާ ނާކާމިޔާބުވެ، އަބާއްޖަވެރިވާހުއްޓެވެ. ފަހެ، اللَّهُ ފަރުޟު ކުރެއްވި ކަމަކުން އެއްޗެއް އުނި ވެފައިވާނަމަ، މަތިވެރިވަންތަ ރައްބު (މަލާއިކަތުންނަށް) ވަޙީ ކުރައްވާހުއްޓެވެ. “ތިމަންރަސްކަލާނގެ އަޅާގެ އިތުރު ހެޔޮކަމެއްވޭތޯ ތިޔަބޭކަލުން ބައްލަވާށެވެ! އަދި ފަރުޟުގެ ތެރެއިން އުނިވެފައިވާ ތަން، އެއިން ފުރިހަމަ ކުރައްވާށެވެ.”ދެން މިފަދައިން އެހެން ކޮންމެ އަމަލަކާ މެދުގައި ވެސް ބެއްލެވޭހުއްޓެވެ.”
މިލިޔުމުގައި ހިމެނޭ މައުލޫމާތުކޮޅު ނަގާފައިވަނީ މިލާބްޑޮޓްކޮމްއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް