ނޫސްވެރިކަމުގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބު އަދާކުރަމުންދާހާ ހިނދެއްގައި އެއްވެސް ފަރާތަކުން، ނޫސްވެރިންގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން މިގޮތަށް ބުނެފައި ވަނީ، ރޭ މާލޭގައި ކުރިއަށްދިޔަ މުޒާހަރާ ފުލުހުން ރޫޅާލުމުގެ ތެރޭގައި، މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާތައް ކުރި މައްސަލަ ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.
ބަޔާނުގައި ބުނީ، މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ފަރާތުން ހުރަސްއަޅާފައިވާކަމަށާއި، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމުގެ ޝަކުވާ، ފޮޓޯއާއި ވީޑިއޯއާއެކު އެ ކައުންސިލަށް ހުށަހަޅައިފައިވާ ކަމަށެވެ.
"ނޫސްރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމާއި ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުމަކީ، މި ކައުންސިލުގެ ޤާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭކަމެއް." ބަޔާނުގައި ވެއެވެ.
އެހެންކަމުން، ރޭގައި ކުރިއަށް ދިޔަ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ނޫސްވެރިންނަށް އަނިޔާވެފައިވާތީ، އެކަން އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި ވެއެވެ.
މިޑީއާ ކައުންސިލުން ވަނީ އެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.
މީޑިއާތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަނުން ވެސް ވަނީ ގޮވާލައި ބަޔާނެއް ނެރިފައެވެ.
އެ ބަޔާނުގައި ބުނީ، އެއްވުންތަކާއީ މުޒާހަރާތައް ކާވަރުކުރާ ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ފުލުހުންނަށް އިލްތިމާސްކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް