މުސާރައިގެ މައްސަލައިގަ ސަރުކާރުގެ ބައެއް އޮފީސްތަކުގެ މުވައްޒަފުން މިއަދު މަސައްކަތް ނުކުރެ އެވެ.
މާލޭގެ އޮފީސްތަކުގެ ތެރެއިން ޑިޕާޓްމެންޓު އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގައި މިއަދު ސިވިލް ސާވިސް މުވައްޒަފުން އޮފީހަށް ހާޒިރުވި ނަމަވެސް ހިދުމަތް ދީފައި ނުވާ ކަމަށްވެ އެވެ. އަތޮޅު ތެރޭގެ ގިނަ ކައުންސިލްތަކެއްގައިވެސް މި އުސޫލުން އަމަލުކޮށްފައިވެ އެވެ.
މީގެ އިތުރުން ސިއްހީ މަރުކަޒުތަކުންވެސް ސިވިލް ސާވަންތު އެސޯސިއޭޝަންގެ ނިންމުމައި އެއްގޮތަށް މަސައްކަތް ހުއްޓާލައި އިހުތިޖާޖުގައި ބައިވެރިވެފައިވެ އެވެ.
އޮފީސްތަކުގެ ކައުންޓަރުތަކުގައި ވަނީ މިއަދަކީ މަސައްކަތް ނުކުރާ ދުވަހެއްގެ ގޮތުގައި އަންގައި ދިނުމަށް ލިޔުން ހަރުކޮށްފަ އެވެ. އަދި އެއީ އިހުތިޖާޖުގައި ބައިވެރިވުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.
އިއްޔެ ފުރަތަމަ އިހުތިޖާޖުތައް ފެށީ ކަޅު ހެދުމުގައި އޮފީހަށް ހާޒިރު ވެގެންނެވެ. ސިވިލް ސާވަންޓު އެސޯސިއޭޝަނުން ބުނީ ރާއްޖޭގެ98 ޕަސެންޓު ރަށްރަށުގައި އިއްޔެ ކަޅުހެދުން ލައިގެން ހިމޭންކަމުގެ އިހުތިޖާޖު ސިވިލް ސާވަންޓުން ކޮށްފައިވާ ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނީ އެމީހުން ކުރަމުން ދަނީ ނުކޮށްދެވޭވަރުގެ ޑިމާންޑުތަކެއް ނޫން ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ސެޓެފިކެޓަށް ވަޒީފާގެ ކުރިއެރުން ދިނުން، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް ލިވިން އެލަވެންސް ދޭ ގޮތަށް ސިވިލް ސާވިސް މުވައްޒަފުންނަށްވެސް ލިވިން އެލަވެންސް ދިނުން އަދި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމެވެ. މީގެ އިތުރުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އަވަސްކުރުމާއި ސުކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވެންސް ދިނުމަށް ގޮވާލާފައިވެ އެވެ.
މީގެ ތެރެއިން މިނިވަން ވޭޖް ކަނޑައެޅުން އަންނަ ބުދަ ދުވަހު އިއުލާނު ކުރާނެ ކަމަށް ޕޭ ކޮމިޝަނުން މިއަދު ބުނެފައިވެ އެވެ. އަދި މިއަހަރު ނިމެންވާއިރަށް ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް