ސާފް ޗެމްޕިއަންޝިޕް ގެ ޓައިޓްލް ސްޕޮންސަރ އަކަށް އުރީދޫ

ސާފް ޗެމްޕިއަންޝިޕް ގެ ޓައިޓްލް ސްޕޮންސަރ އަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފުޓުބޯޅަ އެސޯސިއޭޝަ...

20 Sep 2021 | 10:01

ސާފް ޗެމްޕިއަންޝިޕް ގެ ޓައިޓްލް ސްޕޮންސަރ އަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް، ބައްސާމް އަދީލް ޖަލީލެވެ. އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުފުންނީގެ ޗީޕް ކޮމަރޝިއަލް އޮފިސަރ ހުސެއިން ނިޔާޒް އެވެ.

މި ރަސްމިއްޔާތުގައި ބައްސާމް ވިދާޅުވީ ކުޅިވަރުގެ ކަންކަމުގައި ޚާއްސަކޮށް ފުޓުބޯޅައިގެ ކަންކަމުގައި އުރީދޫ އިން ބައިވެރިވެ، ދެމުންދާ އެއްބާރުލުން ފާހަގަކުރައްވާ ކަމަށެވެ. އަދި އެކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

"ޓައިޓަލް ސްޕޮންސަރ އުރީދޫ އާއިއެކު ވަރަށް ކާމިޔާބު މުބާރާތެއް އަދި ވަރަށް ފޯރިގަދަ ދުވަސްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުބާރާތާއި ގުޅުވައިގެން ހިންގާ، ގަލޮޅު ދަނޑުގައި އުފާވެރިކަމާއެކު މުބާރާތް ނިންމާލެވޭކަމަށް އުންމީދު ކުރަން." ބައްސާމް ވިދާޅުވި އެވެ.

ޗީޕް ކޮމަރޝިއަލް އޮފިސަރ ހުސެއިން ނިޔާޒް ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖެއިން މިމުބާރާތް ވަކިން ހޯސްޓު ކުރުމަށް ތައްޔާރުވަމުން އަންނައިރު، ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި އުރީދޫ ވެގެންދިޔުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށްބޮޑު ފަޚުރަކާއި އުފަލެއް ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވަނީ އޮކްޓޯބަރު މަހު އެކަކުން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަދު ވެފައިވާ މި އެއްބަސްވުމާއެކު މުބާރާތް ކުރިއަށްދާނީ 'އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021' ގެ ނަމުގަ އެވެ.

މިފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެފްއޭއެމްގެ ފަރާތުން ވަނީ ޚާއްސަ ކެމްޕެއިނެއް ވެސް ފަށާފަ އެވެ.

މި ކޭމްޕުގެ ދަށުން މުބާރާތަށް ޚާއްސަ ލޯގޯ އަކާއި ބްރޭންޑިންގ އެއް ތައާރަފްކޮށްފައިވާ އިރު، މިކެމްޕެއިން ކުރިއަށް ދާނީ މަގޭ މަހަލްދީބުގެ ނަމުގައި 'ތިންވަނަ ފަހަރު، މިއީ އެފަހަރު' ޝިއާރުގެ ދަށުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް