އަމީން މިނިވަން ކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި

މުހައްމަދު އަމީން މިނިވަން ކުރަން ހައި ކޯޓުން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ. އޭނާއަކީ ދައުލަތުން ތުހުމަތު ކުރާގޮތުގައި އިސްލާމީ ހަރުކަށި ޖަމާއަތް ކަމަށްވާ އައިސްގެ ރ...

20 Sep 2021 | 08:13

މުހައްމަދު އަމީން މިނިވަން ކުރަން ހައި ކޯޓުން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އޭނާއަކީ ދައުލަތުން ތުހުމަތު ކުރާގޮތުގައި އިސްލާމީ ހަރުކަށި ޖަމާއަތް ކަމަށްވާ އައިސްގެ ރާއްޖޭ އަމީރެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާ އެވެ.

އޭނާއަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެ ނިންމުމާއި އެކު އަމީން ހުރީ މިނިވަން ވެފަ އެވެ.

އެކަމަކު އިއްޔެ ހައި ކޯޓުން ވަނީ މާލެ އިން ބޭރަށް ދިއުން މަނާކޮށް، އޭނާގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފަ އެވެ.

ހައި ކޯޓުގެ ހުކުމް ނެރުނު ދުވަހު ޕީޖީ އޮފީހުން ވަނީ އެ ނިންމުމާއި މެދު ހިތްހަމަ ނުޖެހޭ ކަން ހާމަކޮށްފަ އެވެ. އަދި މިއަދު އެ އޮފީހުން ބުނީ ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

ހައި ކޯޓުން ނިންމީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން އަމީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި އޮތުމުން، އެ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އޭނާ އަށް ދައުވާ ކުރުން ލާޒިމުވާ ކަމަށެވެ. ނަމަވެސް އޭނާ އަށް ދައުވާ ކޮށްފައި އޮތީ އެ މުއްދަތު ހަމަވި ފަހުން އަދި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގަ އެވެ. އެހެންވެ، ހައި ކޯޓުން ނިންމީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާތީ ދެން އެ މައްސަލަ ނުބެލޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް